މަސްވެރިންނަށް ފަސޭހަކަމާއެކު ފައިނޭންސް ލިބޭނެ މަގު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައި ދިނުމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް އެ ބޭންކަށް ޝުކުރު އަދާ ކުރައްވައިފިއެވެ.
މިއަދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން، މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް އެމީހުންގެ އާމްދަނީއަށް ބިނާކޮށް ޕަރސަނަލް ފައިނޭންސިންގް، ކްރެޑިޓް ކާޑު އަދި ގެދޮރު ގަތުމާއި އިމާރާތްކުރުމާއި މަރާމާތު ކުރުން ފަދަ އެކި ބޭނުންތަކަށް ކްރެޑިޓް ފެސިލިޓީއަށް ފަސޭހައިން ވާސިލުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި އިންތިޒާމުގެ ދަށުން، ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި އަދި އިކުއިޓީ ނުލައި 300,000 ރުފިޔާއާ ހަމައަށް ޕަރސަނަލް ފައިނޭންސިންގް ނެގުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާއެކު އާމްދަނީއަށް ރިއާޔަތްކޮށް އަނބުރާ ފައިސާ ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއް ވެސް ބޭންކުން ހަމަޖައްސައިދޭނެއެވެ.
މިކަމާ ގުޅިގެން ވަޒީރު ޝިޔާމް ވިދާޅުވެފައިވަނީ "މިއަދަކީ މަސްވެރި އާއިލާތަކަށް ވަރަށް އުފާވެރި ދުވަހެއް" ކަމަށެވެ. އަދި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފަށާއި ބޭންކުގެ ޓީމަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައިވެއެވެ.
މި ޚިދުމަތް ލިބިގަތުމަށް ބީއެމްއެލް އިންޓަރނެޓް ބޭންކިންގ ނުވަތަ މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ކޮންމެ ތަނަކުން ވެސް އެޕްލައި ކުރެވޭނެއެވެ. އަދި ވަޒީރު ވަނީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އޮޑިވެރިންނަށާއި މަސްވެރިންނަށް އިލްތިމާސް ކުރައްވާފައެވެ.

