އިންޑިއާގެ ކަޝްމީރުގައި ދިން ޓެރަރިސްޓް ހަމަލާގައި 26 މީހަކު މަރުވި މައްސަލަ އާއި ގުޅިގެން ބޮލީވުޑް އަދި ޕާކިސްތާނުގެ މަޝްހޫރު ތަރި ފަވާދް ޚާން އެންމެ ފަހުން ކުޅުނު ފިލްމު، އަބީރް ގުލާލް އިންޑިއާގައި އެޅުވުން މަނާކޮށްފިއެވެ.
ގާތްގަނޑަކަށް ދިހަ އަހަރަށް ފަހު ފަވާދު އެނބުރި ބޮލީވުޑަށް އަންނަ ފިލްމު “އަބީރް ގުލާލް” އިންޑިއާގައި ދެއްކުމުގެ ހުއްދަ ނުދޭން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް މި ކަމާއި ގުޅޭގޮތުން އިންޑިއާގެ ކަމާ ބެހޭ އިދާރާއަކުން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.
އޭޕްރީލް 22 ވަނަ ދުވަހު ޖަންމޫ އަދި ކަޝްމީރުގައި ދިން މަރުގެ ހަމަލާއާ ގުޅިގެން އިންޑިއާގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓްރީން ވަނީ “އާބީރު ގުލާލް” ރިލީޒްކުރުން ހުއްޓާލުމަށް އަންގާފައި ކަމަށް އެންޑީޓީވީން ބުނެ އެވެ.
ޕަހަލްގަމް ހަމަލާގެ ކުރިން ވެސް ސޯޝަލް މީޑިއާގައި ފަވާދާ ދެކޮޅަށް ކެމްޕެއިންތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. #BoycottFawadKhan ހެޝްޓެގް ފުޅާދާއިރާއެއްގައި ޓްރެންޑް ކުރިއިރު، އިންޑިއާގައި ޕާކިސްތާނުގެ ފަންނާނުން މަސައްކަތްކުރުން މަނާކުރުމަށް ގޮވާލާ ގޮވާލުންތަކުގެ އަޑުތައްވެސް ވަނީ ގަދަވެގެން ގޮސްފައެވެ.
ފަވާދު ވަނީ ކުރިން ބޮލީވުޑްގެ ތިން ފިލްމެއް ކުޅެފައެވެ.

