ގދ. ގައްދޫއިން މާލެއަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ދޯންޏެއް ވީނުވީއެއް ނޭނގި ގެއްލިގެން ހޯދުމުގެ މަސައްކަތް މިވަގުތު ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފިއެވެ. މި ދޯނީގައި ތިން ދިވެހިންނާއި ދެ ބިދޭސީން ދަތުރު ކުރަމުން ދިޔަ ކަމަށް ވެއެވެ.
ދޯނީގައި ތިބި ދިވެހިންގެ ޢާއިލާގެ ފަރާތުން ހުވަދޫ ނޫހަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ދޯނި ގައްދޫއިން މާލެއަށް ފުރާފައި ވަނީ މިއަދު މެންދުރު 12:00 ގައެވެ. އެންމެ ފަހުން މި ދޯނީގެ ޚަބަރު ލިބިފައި ވަނީ މެންދުރު ފަހު 2:30 ގައި ކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތު ދީފައިވެއެވެ. އޭގެ ފަހުން މިހާތަނަށް އެއްވެސް ޚަބަރެއް ލިބިފައެއް ނުވެއެވެ. އަދި 3 ދިވެހިންނާއި 2 ބިދޭސީއަކު ދޯނިން ދަތުރު ކުރަމުން ދިޔަ ކަމަށް ވެސް ވަނީ ބުނެފައެެވެ.
އެމްއެންޑީއެފްގެ ފަރާތުން ހުވަދޫ މީޑިއާއަށް މަޢުލޫމާތު ދެމުން ބުނެފައި ވަނީ، “މެންދުރުފަހު 2:30 ގެ ފަހުން އެއްވެސް ޚަބަރެއް ނުލިބި، ދާންޖެހޭ މަންޒިލަށް ދޯނި ވާސިލު ވެފައި ނުވާތީ، މިހާރު ދޯނި ވީތަނެއް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން،” ކަމަށެވެ.
މި ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ދަނީ ކުރަމުންނެވެ. އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

