ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު (21) އަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ޒުވާނުން އިސްނަގައިގެން މާލޭގައި ކުރާ ސިލްސިލާ މުޒާހަރާ މިރޭވެސް ކުރިއަށް ގެންދަން ފަށައިފިއެވެ.
މިއީ “ދުލެއް ނުކުރާނަން” ގެ ނަމުގައި ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ކައިރީގައި ކުރާ މުޒާހަރާގެ ފަސްވަނަ ރެއެވެ.
މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރަށް 10 ޑިމާންޑެއް ކޮށްފައެވެ. މި ޑިމާންޑުތަކުގެ ތެރޭގައި ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އިސްތިއުފާ ދިނުމަށް ގޮވާލުން ހިމެނެއެވެ. މިހާތަނަށް މި ޑިމާންޑުތަކުގެ ތެރެއިން ފުއްދާފައިވަނީ ޕޮލިސް ކޮމިޝަނަރު އަލީ ސުޖާއުގެ އިސްތިއުފާ އާއި ޔުމްނުގެ މައްސަލަ ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދުމެވެ.
މުޒާހަރާކުރާ ފަރާތްތަކުން ވަނީ ދެފުށް ފެންނަ ތަހުގީގެއް ކުރިއަށް ގެންދިއުމަށާއި، މި މައްސަލައިގެ ތުހުމަތުކުރެވޭ އެންމެން ހައްޔަރުކޮށް ދަޢުވާކުރުމަށާއި، ހާދިސާގެ ވީޑިއޯ ފުޓޭޖުތައް ދިމާނުވާ ސަބަބު ސާފުކޮށްދިނުމަށް ގޮވާލާފައެވެ. އަދި ތަހުގީގަށް ލިބިފައިވާ ހެކިތައް ހާމަކުރުމަށާއި، ދޮގު މަޢުލޫމާތު ދިނުމާ ގުޅިގެން ފުލުހުން މަޢާފަށް އެދުމަށްވެސް ވަނީ ގޮވާލާފައެވެ.
މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި، “ޔުމްނުގެ މައްސަލައިގެ ތަހުގީގު އިންސާފުވެރިކަމާއެކު ކުރިއަށް ގެންގޮސް ކޮޅެއްގައި ޖެހެންދެން މުޒާހަރާތައް ހުއްޓާލާނެ ނޫނެވެ.”
ޔުމްނު ވެއްޓުނުއިރު އޭނާއާއެކު ހުރި ރައުދު އަހުމަދު ޒިލާލް ހައްޔަރުކޮށްފައިވަނީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން، ޒުވާނުން މުޒާހަރާ ކުރަން ފެށުމަށްފަހުގައެވެ.

