ގދ. ގައްދޫއިން ފުރައިގެން ފަސް މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށް ގެއްލުނު “ބްރިލިއަންޓް ކެރިއަރ” ދޯނި އިންޖީނު ހުއްޓިފައި އޮއްވާ ލ. އަތޮޅުން މިއަދު ފަތިހު ކޯސްޓް ގާޑަށް ފެނިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ހާމަކޮށްފައެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، ފަތިހު 5:00 އާ ހާއިރު ދޯނި ފެނުނު އިރު ދޯނީގައި ތިބި ފަސް މީހުންގެ ހާލު ރަނގަޅެވެ. އަދި ދޯނީގެ އިންޖީނު ހުއްޓިފައި އޮތުމާ ގުޅިގެން، އެ ވަގުތު ދޯންޏަށް ބޭނުންވި އެހީތެރިކަން ކޯސްޓް ގާޑުން ވަނީ ފޯރުކޮށްދީފައެވެ.
މި ދޯނި ގެއްލުނު ކަމަށް ފުރަތަމަ ރިޕޯޓްކޮށްފައިވަނީ އިއްޔެ ހަވީރު 6:00 އާ ހާއިރުއެވެ. އެހެންކަމުން މި ދޯނި ފެނިފައި މިވަނީ ގެއްލުނުތާ ގާތްގަނޑަކަށް 12 ގަޑިއިރު ފަހުންނެވެ.
“ބްރިލިއަންޓް ކެރިއަރ” ދޯނީގައި ދަތުރުކުރަމުން ދިޔައީ ޖުމްލަ ފަސް މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ދެ ބިދޭސީންނެވެ.
ދޯނި ފެނުނު ސަރަހައްދުގައި ކޯސްޓް ގާޑުގެ އުޅަނދެއް އޮޕަރޭޓްކުރަމުން ދިޔުމުގެ ސަބަބުން އަވަސް ވަގުތެއްގައި ދޯނި ފެނި، އެހީތެރިކަން ފޯރުކޮށްދެވިފައިވާކަން ފާހަގަކުރެވެއެވެ.

