ދުންފަތުގެ ބާވަތްތައް ވިއްކާއިރު ގަންނަ ފަރާތުގެ އުމުރާއި ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ބެލުމަށްފަހު މެނުވީ ވިއްކުން މަނާކުރުމަށް، ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް އިސްލާހެއް ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަޤް މަޖިލީހަށް ހުށަހެޅުމަށް ހަމަޖެހިފައިވާ މި ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ މަޖިލިސް ޖަލްސާގައި އިއްވާފައިވެއެވެ. މި އިސްލާހުގައި ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކުގެ ޒިންމާގެ ގޮތުގައި އައު މާއްދާއެއް އިތުރުކުރުމަށް ހުށަހަޅާފައިވެއެވެ.
ބިލުގައި ހިމެނޭ މުހިންމު ބަދަލުތަކުގެ ތެރޭގައި، ދުންފަތުގެ ބާވަތްތައް ވިއްކުމަށް ރަޖިސްޓްރީކޮށް، ލައިސަންސް ލިބިފައިވާ ތަންތަނުން މެނުވީ ވިއްކުން މަނާކުރުމާއި، ވެންޑިންގ މެޝިނުން، ޕޯސްޓުން، އަދި އޮންލައިންކޮށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރުން ހިމެނެއެވެ.
އިސްލާހުގެ އެންމެ މުހިންމު އެއް ކަމަކީ، 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އެންމެންނަށާއި، އުމުރުން 21 އަހަރު ނުވާ އެންމެންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރުމަށް ހުށަހަޅާފައިވުމެވެ. މީގެ އިތުރުން، ގަންނަ ފަރާތުގެ އުމުރާމެދު ޝައްކު އުފެދޭނަމަ، އެފަރާތުގެ އައިޑީ ކާޑު ނުވަތަ އުމުރު އަންގައިދޭ ރަސްމީ ލިޔުމެއް ބެލުމަށްފަހު މެނުވީ ވިއްކުން މަނާކުރުމަށްވެސް ވަނީ ހުށަހަޅާފައެވެ.
މި އިސްލާހަކީ މިދިޔަ ނޮވެމްބަރު މަހު ގެނެވުނު އިސްލާހުގެ އިތުރު ފިޔަވަޅެކެވެ. އޭރު ގެނެވުނު އިސްލާހުގެ ދަށުން، ޑިސެމްބަރު 15 އިން ފެށިގެން އީ-ސިނގިރޭޓާއި ވޭފް ކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖޭގައި ވިއްކުމާއި، ހިލޭ ބެހުމާއި، ބޭނުންކުރުން ވަނީ މަނާކޮށްފައެވެ.

