ރާއްޖޭގައި މިފަހަކަށް އައިސް މަޝްހޫރުވެފައިވާ ޕާޓީ ކުރުމުގެ އާ ޓްރެންޑްގެ ސަބަބުން ގިނަ އަދަދެއްގެ ޒުވާނުން ވަނީ މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައި ކަމަށް ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ހާމަކޮށްފިއެވެ.
އެންޑީއޭއިން ފާހަގަކުރި ގޮތުގައި ޕާޓީ ޑްރަގް ނުވަތަ ޕާޓީ ޑްރަގްގެ މާއްދާތައް ބަނގުރަލާއި އެހެނިހެން މަސްތުވާތަކެތި ބޭނުންކުރަމުންދަނީ އެއީ ރައްކާތެރި އެއްޗެއްގެ ގޮތުގައި ދެކިގެންނެވެ. ނަމަވެސް މިއީ ފުރާނައަށް ނުރައްކާވެދާނެ ވަރަށް ނުރައްކާތެރި މަސްތުވާތަކެތި ކަމަށް އެ އޭޖެންސީން ވަނީ އިންޒާރުދީފައެވެ.
“ރާއްޖޭގެ ޒުވާނުންގެ މެދުގައި މި ފަހަކުން މަޝްހޫރުވެގެން މިއައި ޕާޓީ ކުރުމުގެ އާ ގޮތް (ޓްރެންޑް) ގެ ސަބަބުން ގިނަ ބަޔަކު އެކަމުގެ ތެރެއިން ލާފައި މަސްތުވާތަކެތީގެ ޝިކާރައަކަށްވެ ނުރައްކާތެރި ހާލަތަކަށް ވަނީ ވެއްޓިފައި،” އެންޑީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
އެންޑީއޭގެ ފަރުވާގެ ނިޒާމުގެ ތެރެއިން ހިދުމަތް ހޯދަން އަންނަ ގިނަ ޒުވާނުން ހާމަކުރާ ގޮތުގައި، މި ތަކެތި ބޭނުންކުރަން ފަށަނީ ދޭތެރެ ދޭތެރެއިންނެވެ. ނަމަވެސް މި ކަމުގެ ސަބަބުން މަސްތުވާތަކެއްޗަށް އަޅުވެތިވެ، އެކި ބާވަތްތަކުގެ މަސްތުވާތަކެތި ބޭނުންކުރަން ފަށައި، ނަފްސާނީ އަދި ޖިސްމާނީ ގިނަ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެ އޭޖެންސީން ފާހަގަކުރިއެވެ.
އެންޑީއޭއިން ވަނީ ޕާޓީ ކުރުމުގެ ނަމުގައި ފެތުރެމުންދާ ނުރައްކާތެރި މަސްތުވާތަކެއްޗާއި މަސްތުވާ ޒާތުގެ ތަކެތި ބޭނުންކުރުމަކީ ފުރާނައަށް ގެއްލުން ލިބިދާނެ ކަމެއްކަމަށް އިންޒާރުދީ، މި ފަދަ ނުރައްކާތެރި އާދަތަކާ ދުރުހެލިވުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

