އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަހަރު ފަށާފައިވާ “ނަމާދު މަތިވެރިކުރުން” ޕްރޮގްރާމުގެ ދަށުން މިހާތަނަށް 170 ސެޝަން ބާއްވާފައިވާ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދީފިއެވެ.
ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށް ލޯބި ޖެއްސުމަށް މަޢުލޫމާތު ފޯރުކޮށްދިނުމުގައި މުޢާމަލާތުކުރުމުގެ ޒަމާނީ ޢިލްމީ އައު ގޮތްތައް ބޭނުންކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި މިހާތަނަށް 851 ދަރިވަރުން ބައިވެރިވެފައިވެއެވެ. މި ސެޝަންތައް ނަންގަވައިދެއްވަނީ ދީނީ ޢިލްމުވެރިންނެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުގައެވެ. އެގޮތުން މާލޭ ސަރަހައްދުގައި 60 ސެޝަން، ހއ. ހޯރަފުށީގައި 8 ސެޝަން، ހއ. ކެލާގައި 16 ސެޝަން، ހދ. ކުޅުދުއްފުށީގައި 18 ސެޝަން، ހދ. ވައިކަރަދޫގައި 6 ސެޝަން، ޅ. ނައިފަރުގައި 15 ސެޝަން، ވ. ކެޔޮދޫގައި 33 ސެޝަން އަދި މ. ކޮޅުފުށީގައި 14 ސެޝަން ބާއްވާފައިވެއެވެ.
މި ޕްރޮގްރާމުގެ ދަށުން ނަމާދާ ގުޅުންހުރި މީޑިއާގެ ޚާއްޞަ ބައިތަކާއި، އޮންލައިން އަދި އޮފްލައިން ކޯސްތަކާއި، ތަމްރީނު ޕްރޮގްރާމްތައް ކުރިއަށްގެންދެއެވެ. މީގެއިތުރުން ލައިބްރަރީތަކާއި، ދިރާސާތަކާއި، އިސްތިޝާރީ ލަފާދިނުމާއި، ވެބްސައިޓަކާއި، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް މަޢުލޫމާތު ފޯރުކޮށްދެމުން ގެންދެއެވެ.
“ފަތިސް ނަމާދަށް ހޭލާ ރާއްޖެއެއް ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށާއި، ނަމާދުގެ ޖަމާޢަތްތައް ބައިބޯވުމަށް އެދިވަޑައިގަންނަވާ” ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކި މުނާސަބަތުތަކުގައި ވިދާޅުވެފައިވެއެވެ. ކުޑަކުދިންނާއި ޒުވާނުންގެ ހިތުގައި އިސްލާމްދީނަށް ލޯބި ޖެއްސުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތެވެ.

