މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ މުހައްމަދު ޝައްމާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން މިއަދު ދަމަހައްޓައިފިއެވެ.
ކޮރަޕްޝަންގެ ތުހުމަތުގައި މިދިޔަ މާޗު 20 ގައި މަގާމުން ވަކިކޮށް ހައްޔަރުކުރެވުނު ޝައްމާންގެ މައްޗަށް ތުހުމަތުކުރެވެނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވުނު ބިދޭސީއަކު ދޫކޮށްލުމަށްފަހު، އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 ރުފިޔާއަށްވުރެ ގިނަ ފައިސާ ހޯދައި، އެ ފައިސާ އޭނާގެ ގެއަށް ގެންދިޔަ ކަމަށެވެ.
ފުލުހުންގެ ތަހުގީގުތަކުން ހާމަވެފައިވާ ގޮތުގައި، ޝައްމާންގެ ގެއިން ބައި މިލިއަނެއްހާ ރުފިޔާގެ ނަގުދު ފައިސާ ފެނިފައިވެއެވެ. މީގެ އިތުރުން، އޭނާގެ އަނބިކަނބަލުންގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިފަހައްޓާފައިވެއެވެ.
މިއަދު ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރު އަބްދުލް މާނިއު ހުސައިން ވިދާޅުވީ، ޝައްމާންގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ބެލިއިރު، ގާނޫނީ ގޮތުން ބުރަދަން ހުރި ބަހުސެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އެހެންކަމުން، ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކުރާނެ ތަނެއް ނެތް ކަމަށް ފަނޑިޔާރު މާނިއު ނިންމެވިއެވެ.
މި ނިންމުމަށް ހައިކޯޓުގެ އެހެން ދެ ފަނޑިޔާރުން ކަމުގައިވާ މުހައްމަދު ނިޔާޒް އަދި ހަސަން ޝަފީއު ވެސް ތާއީދުކުރެއްވިއެވެ.

