ހުޅުމާލޭގެ ފްލެޓެއްގައި ހަބަރު ހުސްވެފައި އޮއްވާ ފެނުނު އަންހެންމީހާއަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ، އިއްޔެ ހެނދުނު 6:05 ހާއިރު ހުޅުމާލެ ފޭސް 2 ގެ ވިނަރެސް ފްލެޓެއްގެ ތެރެއިން އަންހެނަކު ރޯ އަޑު އިވޭ ކަމަށް ބުނެ ފުލުހުންނަށް ލިބުނު ރިޕޯޓާ ގުޅިގެން ފުލުހުން ވަގުތުން އެކަމުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.
ގަދަކަމުން ދޮރު ހުޅުވައި ބެލިއިރު، 21 އަހަރުގެ ދިވެހި އަންހެނަކު ހަބަރު ހުސްވެފައި އޮއްވާ ފެނުނު ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭނާގެ ހާލަތު ރަނގަޅު ކަމަށާއި، ބޭނުންވާ ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
“މި މައްސަލައާ ގުޅިގެން ޖިނާއީ ތަޙުޤީޤެއް ހިންގަން ނުޖެހޭ. ސިއްޙީ މައްސަލައެއްގެ ސަބަބުން ދިމާވި ކަމެއް ކަމަށް ބޮޑަށް ބެލެވެނީ،” ފުލުހުންގެ ތަޙުޤީޤަށް ހާމަވެފައިވާ ކަމަށް ބުނެފައިވެއެވެ.

