ރާއްޖޭގެ މަންޒަރުތައް ދުބާއީގެ ޓެކްސީތަކުގެ ބޭރުން ފެންނާނެ ބޮޑު ކެމްޕެއިނެއް މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ފަށައިފިއެވެ. މި ކެމްޕެއިން ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ ދުބާއީ މިއުޒިއަމް އޮފް ދަ ފިއުޗަރ ސަރަހައްދުގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމްއެވެ.
މި ކެމްޕެއިންގެ ދަށުން ދުބާއީގެ މަގުމަތީގައި ދުއްވާ 200 ޓެކްސީއެއްގައި ރާއްޖޭގެ ޤުދުރަތީ ރީތި މަންޒަރުތައް ފެނިގެންދާނެއެވެ. އަދި ލިވަޕޫލްއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، މި ޓެކްސީތަކުގައި ލިވަޕޫލް ކޯބްރޭންޑިންގވެސް ހިމެނޭނެއެވެ.
އެމްއެމްޕީއާރްސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ކެމްޕެއިން ކުރިއަށްގެންދާނީ އެއް މަސް ދުވަހުގެ މުއްދަތަށެވެ. މި ކެމްޕެއިން ކުރިއަށްގެންދަނީ މިހާރު ކުރިއަށްދާ އަރޭބިއަން ޓްރެވެލް މާކެޓާ ގުޅުވައިގެންނެވެ. "މި ކެމްޕެއިންގެ ސަބަބުން މެދުއިރުމަތި އަދި އެކުވެރި އަރަބި އިމާރާތުގައި ރާއްޖެ ވަރަށް ބޮޑަށް އިސްތިހާރުވެގެންދާނެ" ކަމަށް އެމްއެމްޕީއާރްސީން ބުނެފައިވެއެވެ..
އަރޭބިއަން ޓްރެވެލް މާކެޓުގައި ދުނިޔޭގެ 160 ޤައުމަކުން މަންދޫބުން ބައިވެރިވަމުންދާއިރު، މި ފެއަރއަށް 90,000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރެއެވެ. އަދި އެކި ޤައުމުތަކުގެ މަންދޫބުން ހިމެނޭހެން 46,000 އަށް ވުރެ ގިނަ މީހުން ފެއަރގައި ބައިވެރިވެއެވެ. މިއީ ރާއްޖެ ޕްރޮމޯޓްކުރަން ލިބޭ މުހިންމު ފުރުސަތެއްކަމަށް އެމްއެމްޕީއާރްސީން ފާހަގަކުރެއެވެ.
އެމްއެމްޕީއާރްސީން މީގެ ކުރިން ޖަރުމަނުވިލާތާއި އިނގިރޭސިވިލާތުގައިވެސް މިފަދަ ޓެކްސީ ކެމްޕެއިންތަކެއް ކުރިއަށް ގެންގޮސްފައިވާއިރު، އެ ކެމްޕެއިންތައްވެސް ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ.

