ނ. ވެލިދޫގައި އިމާރާތްކުރަމުންދާ ޖޫނިއާ ކޮލެޖުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އެމްޓީސީސީ އިން ހާމަކުރި ގޮތުގައި، މި ވަގުތު އިމާރާތުގެ ބޭރު ފާރު އޮމާން ކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މި މަޝްރޫޢުގެ ދަށުން އިމާރާތްކުރެވޭ އެއް ފަންގިފިލާގެ އިމާރާތަކީ 10,276 އަކަފޫޓުގެ ބޮޑު އިމާރާތެކެވެ. މި އިމާރާތުގައި ދެ ކްލާސްރޫމާއި، އެއް އައިސީޓީ ލެބާއި، އެއް ލައިބްރަރީއާއި އަދި ދެ ވޯކްޝޮޕް ހިމެނޭނެއެވެ.
11.91 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ އެއްބަސްވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި އެމްޓީސީސީއާ ދެމެދު ސޮއިކުރެވިފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުއެވެ. މި މަޝްރޫޢު ނިންމުމަށް އެމްޓީސީސީއަށް ދެވިފައިވަނީ 9 މަސްދުވަހުގެ މުއްދަތެކެވެ.
މި މަޝްރޫޢު ނިމުމުން ނ. ވެލިދޫގެ ތަޢުލީމީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އަދި ރަށުގެ ދަރިވަރުންނަށް ޒަމާނީ ވަސީލަތްތަކާއެކު ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު އިތުރަށް ފަހިވެގެންދާނެއެވެ.

