މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން ބޯޑުގެ ޗެއާޕާސަންގެ މަޤާމަށް އަލުން މީހަކު ހޯދުމަށް އެ އޮފީހުން އިއުލާނުކޮށްފިއެެވެ.
މި މަގާމަށް ބޭފުޅަކު ހޯދުމަށް އިއުލާނުކޮށްފައިމިވަނީ މިހާރު އެ މަގާމުގައި ހުންނެވި ބޭފުޅާގެ ދައުރު އަންނަ އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހު ހަމަވާތީ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
ވިޔަފާރި، އިޤްތިޞާދީ، ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރުގެ ތައުލީމު ހާސިލުކޮށްފައިވުމާއި، ޕެންޝަން ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާގެ ތަޖުރިބާ ހުރުން މި މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން ޖޫން މަހުގެ 7 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅުއްވަން ޖެހޭއިރު، މި މަގާމުގެ މަސްއޫލިއްޔަތުތަކާއި، ޒިންމާ ހިމެނޭ ޓާރމްސް އޮފް ރެފަރަންސް އެ އޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

