އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ސަޢޫދީ ޢަރަބިއްޔާގެ އޯވަރސައިޓް އެންޑް އެންޓި-ކޮރަޕްޝަން އޮތޯރިޓީ (ނަޒާހާ) ގުޅިގެން "ސަޢޫދީ-މޯލްޑިވްސް އިންޓަނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ" ގެ ނަމުގައި ބައިނަލްއަޤުވާމީ ފޯރަމެއް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި ފޯރަމް އިންތިޒާމުކުރަނީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރު ޤައުމުތަކުގެ އެންޓި-ކޮރަޕްޝަން ލޯ އެންފޯސްމެންޓް އެޖެންސީތަކުގެ ދެވަނަ މިނިސްޓީރިއަލް ބައްދަލުވުމުގެ ޤަރާރަކުން ނިންމި ނިންމުމަކާ އެއްގޮތަށެވެ. އަންނަ މޭ މަހުގެ 6 އަދި 7 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމުގައި 40 އަށްވުރެ ގިނަ އޯއައިސީ މެންބަރު ޤައުމުތަކުން 180 އަށްވުރެ ގިނަ އިސްވެރިން ބައިވެރިވާނެއެވެ.
އޭސީސީން މަޢުލޫމާތު ދެއްވިގޮތުގައި މި ފޯރަމުގެ މައިގަނޑު މަޤްޞަދަކީ އޯއައިސީގެ މެންބަރު ޤައުމުތަކުގެ ފަތުރުވެރިކަމުގެ ދާއިރާގެ ހިންގުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަން ކުރިއަރުވައި، ކޮރަޕްޝަނުން ސަލާމަތްވެފައިވާ ނަޒަހަތްތެރި ސިނާޢަތަކަށް ހެދުމެވެ. މި ފޯރަމުގައި ކަމާބެހޭ އިދާރާތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވެ، ފަތުރުވެރިކަމުގެ ސިނާޢަތުގައި ކޮރަޕްޝަނުގެ ސަބަބުން ދިމާވާ ހުރަސްތަކާއި ގޮންޖެހުންތަކާމެދު މަޝްވަރާކުރެވޭނެއެވެ.
ފޯރަމުގައި އޯއައިސީގެ މެންބަރު ޤައުމުތަކުގެ މަތީ ފެންވަރުގެ ޕްލިނަރީއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްލިނަރީގައި މެންބަރު ޤައުމުތަކުގެ ފަތުރުވެރިކަމާބެހޭ ދާއިރާގެ އިސްވެރިންނާއި ކޮރަޕްޝަން ހުއްޓުވުމުގެ އިދާރާތަކުގެ އިސްވެރިން ވާހަކަފުޅު ދައްކަވާނެއެވެ.
މީގެއިތުރުން، ފޯރަމުގެ ޕެނަލް މަޝްވަރާތަކުގައި ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެ، ފަތުރުވެރިކަމުގެ ދާއިރާގައި ކޮރަޕްޝަނުގެ ހިރާސް ކުޑަކުރުމަށާއި، ނަޒާހަތްތެރިކަން އިތުރުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާމެދު މަޝްވަރާކުރެވޭނެއެވެ. އަދި ދެފުށްފެންނަ ނިޒާމެއްގެ ދަށުން މި ދާއިރާ ހިންގުމަށް ހުރި ގޮންޖެހުންތަކާއި، ޖަވާބުދާރީ ކުރުވުމުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވޭނެއެވެ،.

