މެލޭޝިއާގެ ބޮޑު ކުންފުންޏެއް ކަމަށްވާ ސަންވޭ ގްރޫޕުން ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފިއެވެ. މިކަން ފާޅުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި، ސަންވޭ ގްރޫޕުގެ ފައުންޑަރ އަދި ޗެއަރމަން ޑރ. ޖެފްރީ ޗެއާ އޭއޯ އާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ދެފަރާތުން މަޝްވަރާކުރެއްވި މައިގަނޑު ކަންތައްތަކުގެ ތެރޭގައި ވަޒީފާގެ ދާއިރާއިން އިތުރު ތަމްރީނު ހޯދުމުގެ މުހިންމުކަމާއި، ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން މިފަދަ ތަމްރީނުތައް ކުރިއަށް ގެންދިއުމުގެ ފުރުސަތުތައް ހިމެނެއެވެ. އަދި ފަތުރުވެރިކަމާއި ތަޢުލީމީ އަދި ޞިއްޙީ ދާއިރާގައި ހުރި އެކިއެކި ފުރުސަތުތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
ސަންވޭ ގްރޫޕުގެ ފަރާތުން ރާއްޖޭގައި އިންވެސްޓްކުރުމާ ގުޅޭގޮތުން އެކި މަޢުލޫމާތު ސާފުކުރެއްވިއެވެ. މީގެ ތެރޭގައި ފޮރިން އިންވެސްޓަރުންނަށް ހުޅުވިފައިވާ ޚާއްޞަ ފުރުސަތުތަކާއި، ޓެކްސްގެ ސިޔާސަތާއި، ވިސާއާބެހޭ މަޢުލޫމާތު އަދި ފައިސާގެ މުޢާމަލާތްތަކާ ގުޅޭ ކަންކަން ހިމެނެއެވެ.
ބައްދަލުވުމުގައި ސަރުކާރުގެ ވަޒީރުން ވަނީ ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި، ރަސްމާލޭ މަޝްރޫޢު އަދި ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮރމޭޝަންގެ މަސައްކަތްތަކާއި، އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކުގެ މަޢުލޫމާތުވެސް ހިއްސާކުރެއްވިއެވެ.
ވަޒީރުން ފާހަގަކުރެއްވި ގޮތުގައި މިދިޔަ ޑިސެމްބަރ މަހު ވުޖޫދަށް ގެނެވުނު މޯލްޑިވްސް ފޮރިން އިންވެސްޓްމަންޓް ޤާނޫނާއެކު، އިންވެސްޓަރުންނަށް ދެމެހެއްޓެނިވި ފައިދާތައް ލިބެނިވި ފަހި މާހައުލެއް ރާއްޖޭގައި ޤާއިމުކުރެވިފައިވެއެވެ. ޑރ. ޖެފްރީ ވަނީ އަމިއްލަފުޅަށް ރާއްޖެއަށް ޒިޔާރަތްކޮށް، އިންވެސްޓްމަންޓް ފުރުސަތުތަކާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

