ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ކުލަގަދަ ފެސްޓިވަލެއް ބޭއްވުމަށް ނިންމައިފައެވެ. “މައި ހުޅުމާލެ ފެސްޓިވަލް” ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލް ފެށޭނީ މެއި މަހުގެ 10 ވަނަ ދުވަހުއެވެ.
އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ފެސްޓިވަލް ދެމިގެންދާނީ އެއް ހަފްތާގެ މުއްދަތަށެވެ. އަދި ފެސްޓިވަލްގެ ހަރަކާތްތައް ކުރިއަށްދާނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކަމަށާއި، ހުރިހާ އުމުރުފުރައެއްގެ ފަރާތްތަކަށް އަމާޒުކޮށްގެން ހާއްސަ ހަރަކާތްތަކެއް ރޭވިފައިވާ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
ފެސްޓިވަލްގައި ހިމެނޭ މައިގަނޑު ހަރަކާތްތަކުގެ ތެރޭގައި ފޮޓޯގްރަފީ މުބާރާތަކާއި، ފެމިލީ ކާނިވަލެއް، ހުޅުމާލޭ ޑިސްކައުންޓް ވީކެއް، ހެލްތް ކޭމްޕެއް، ހުޅުމާލޭ ސްޓޯރީ ފޮޓޯ ވޯކެއް، މަސްރޭހެއް، ސައިކްލިން ޗެމްޕިއަންޝިޕެއް އަދި ބީޗް ފެސްޓެއް ހިމެނެއެވެ.
ހުޅުމާލޭގައި މީހުން އާބާދުވާން ފެށީ 2004 ވަނަ އަހަރުގެ މެއި މަހުގެ 12 ވަނަ ދުވަހުއެވެ. ހުޅުމާލޭގެ ތަސައްވުރަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެކުލަވާލެވުނު ތަސައްވުރެކެވެ. އަދި މާލޭގެ އަވަށެއްގެ ގޮތުގައި ހުޅުމާލެ މަޝްރޫއު ފެށި، މީހުން އާބާދުވާން ފެށުނީ ވެސް އެމަނިކުފާނުގެ ވެރިކަމުގައެވެ.
މިއަހަރުގެ މެއި މަހުގެ 12 ވަނަ ދުވަހަކީ ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރޭ ދުވަހެވެ. އެޗްޑީސީން ބުނެފައިވާ ގޮތުގައި މި ފެސްޓިވަލްގެ މައިގަނޑު މަޤްސަދަކީ ހުޅުމާލޭގެ ކުރިއެރުމާއި ތަރައްޤީ ފާހަގަކޮށް، ރަށުގެ މުޖުތަމައު އިތުރަށް ބަދަހިކުރުމެވެ.

