އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީއަށް ރާއްޖެއިން ކަނޑައެޅުއްވި ދާއިމީ މަންދޫބު، އަހުމަދު ސަރީރު މަޤާމުގެ ފަތްކޮޅު އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ހުސެއިން އިބްރާހިމް ތާހާއަށް އަރުވައިފިއެވެ.
ސަޢުދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ އޯއައިސީގެ މައިމަރުކަޒުގައި މިއަދު ބޭއްވި ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތުގައި އޯއައިސީއަށް ރާއްޖެއިން ކަނޑައެޅުއްވި ދާއިމީ މަންދޫބު، ސަރީރު ވަނީ އޯއައިސީގެ އުސޫލުތައް ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންއަންނަ މަސައްކަތްތައް ހިއްސާކުރައްވާފައެވެ.
ހަމައެއާއެކު، ފަލަސްތީނުގެ ހައްގުގައި ކުރާ މަސައްކަތްތަކަށް ތާއީދުކޮށް، އޯއައިސީ އާއި މެމްބަރު ގައުމުތަކާ ގާތުން މަސައްކަތް ކުރުމަށް ރާއްޖެ އިން ދެމިއޮތް ކަމަށް ވެސް ވިދާޅުވި އެވެ.
ސެކްރެޓަރީ ޖެނެރަލް ވަނީ ސަފީރުގެ އާ މަގާމަށް މަރުހަބާ ވިދާޅުވެ، ރާއްޖެއާއި އެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، އިސްލާމީ ޤައުމުތަކުގެ ކުރިމަގު އުޖާލާކުރުމަށް އޯއައިސީން ކުރަމުން އަންނަ މަސައްކަތް ހިއްސާކުރައްވާފައެވެ.
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނަކީ 57 މެމްބަރު ޤައުމު ހިމެނޭ ބައިނަލްއަޤްވާމީ ޖަމިއްޔާއެކެވެ. ރާއްޖެ އޯއައިސީ އާއި ގުޅުނީ 1976 ވަނަ އަހަރުއެވެ.
ސައުދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓްގެ ސެކަންޑް ސެކްރެޓަރީ އަލްފާޟިލާ ރަޙުމަތުالله ވަޙީދު ވަނީ ސަފީރު އަޙްމަދު ސަރީރުގެ އަރިހުގައި މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

