މޯލްޑިވްސް ޒަކާތު ހައުސްއާއި މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައިއައިޔޫއެމް) އާ ދެމެދު އިސްލާމީ މާލީ ދާއިރާގައި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމާއި ގުޅޭގޮތުން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މިއަދު އެ ޔުނިވާސިޓީގައި ބޭއްވި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓު އެރުވުމަށް ރަސްމިއްޔާތުގައި ޒަކާތު ހައުސްގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ޒަކާތު ހައުސްގެ ޗެއަރމަން އަދި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އައިއައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ރެކްޓަރ، ޕްރޮފެސަރ ޑރ. ޢުޘްމާން ބަކާރެވެ.
މި އެއްބަސްވުމުގެ ދަށުން އިސްލާމީ މާލީ ދާއިރާގައި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށްޓަކައި މީހުން ތަމްރީން ކުރުމަށް ދެ ފަރާތް ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާއިރު، މި ފަހުމުނާމާގެ ދަށުން، ތަމްރީނު ޕްރޮގްރާމްތަކާއި، ވޯކްޝޮޕްތަކާއި، ސެމިނާތައް ރާވައި ހިންގުމަށް ވަނީ އެއްބަސްވެފައެވެ.
މި ފަހުމުނާމާއަކީ ސަރުކާރުން ޒަކާތު ހައުސް ހަރުދަނާކޮށް، ޒަކާތުގެ ނިޒާމު ރާއްޖޭގައި ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

