އަންހެން އިލެކްޓްރިޝަނުން ތަމްރީނު ކުރުމަށް ސްޓެލްކޯއިން ކުރިއަށް ގެންދިޔަ “ބިގިނާސް އިލެކްޓްރިޝަން ކޯސް ފޯ ވިމެން” މިއަދު ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. މި ކޯހަކީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވުނު ކޯހެކެވެ.
ސްޓެލްކޯއިން މަޢުލޫމާތު ދެއްވި ގޮތުގައި މި ކޯހުގައި ރައްކާތެރި ގޮތުގައި ކަރަންޓު ބޭނުންކުރުމުގެ މުހިންމު މަޢުލޫމާތު ބައިވެރިންނާ ހިއްސާކޮށްފައިވެއެވެ. މީގެ އިތުރުން، ކަރަންޓަށް ކުރާ ޚަރަދު ކުޑަކުރުމުގެ ގޮތްތަކާއި ކަރަންޓު ވަޔަރުކުރުމުގެ އަސާސީ މަޢުލޫމާތުވެސް ކޯހުގެ ބައިވެރިންނަށް ވަނީ ފޯރުކޮށްދީފައެވެ.
ކޯހުގެ ފުރަތަމަ ބެޗުގައި 16 އަންހެން ކަނބަލުން ބައިވެރިވެ، ކޯސް ފުރިހަމަކޮށްފައިވާކަން ސްޓެލްކޯއިން ވަނީ ފާހަގަކޮށްފައެވެ.
ސްޓެލްކޯއިން ހާމަކުރި ގޮތުގައި މި ކޯހަކީ ކަރަންޓާ ގުޅޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށާއި، ވަކިން ޚާއްޞަކޮށް އަންހެނުންގެ މެދުގައި ކަރަންޓުގެ ދާއިރާއަށް ޝައުޤުވެރިކަން އުފެއްދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވުނު ކޯހެކެވެ. މި ކޯހަކީ އަންހެނުން ބާރުވެރިކުރުވުމަށް ސްޓެލްކޯއިން އަޅަމުންދާ މުހިންމު ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ.

