ދުބާއީ، 22 އޭޕްރިލް 2025 – އޭރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) 2025 ގެ ފުރަތަމަ ދުވަހުގެ ހަރަކާތްތައް ނިމުމަށްފަހު، ވިޒިޓް މޯލްޑިވްސްއިން ޚާއްޞަ “މޯލްޑިވިއަން އީވްނިންގ” އެއް ބާއްވައިފިއެވެ.
މި ހަފްލާ ބޭއްވުނީ ދުބާއީގެ ތިއޭޓަރ އޮފް ޑިޖިޓަލް އާޓްސް (ޓޯޑާ) ގައެވެ.
މި ހަފްލާގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ތާރީޚާއި، ސަގާފަތާއި އަދި އާދަކާދަ ދައްކުވައިދިނުމާއެކު، ފަތުރުވެރިކަމުގެ ދާއިރާގެ އެކި ފަރާތްތަކާއެކު ގުޅުޅުން ބަދަހިކުރުމުގެ ފުރުޞަތު ހޯދައިދިނުމެވެ. މި ހަފްލާގައި ބައިވެރިވެވަޑައިގެންނެވީ އޭޓީއެމްގައި ބައިވެރިވި އެކި ޤައުމުތަކުގެ ފަތުރުވެރިކަމުގެ ވިޔަފާރިވެރިންނާއި، މީޑިއާގެ ފަރާތްތަކެވެ.
ވިޒިޓް މޯލްޑިވްސްގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ހަފްލާގައި ދިވެހި ސަގާފަތުގެ ތަފާތު ކަންކަން ދައްކުވައިދެވުނެވެ. މީގެ ތެރޭގައި ދިވެހި ބޮޑުބެރު އަދި ބަނޑިޔާ ޖެހުން ފަދަ ސަގާފީ ޝޯތަކާއި، ދިވެހި ކާނާގެ ރަހަ ތަޖުރިބާކުރުމުގެ ފުރުޞަތު ހިމެނެއެވެ. އަދި ޓޯޑާގެ ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ފަތުރުވެރިކަމުގެ ތަޖުރިބާތައް ދައްކުވައިދެވުނެވެ.
މި ހަފްލާއަކީ އޭޓީއެމް 2025 ގައި ދިވެހިރާއްޖެ ތަމްސީލުކުރުމުގެ ގޮތުން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން އެއް ހަރަކާތެވެ. ވިޒިޓް މޯލްޑިވްސްއިން ވިދާޅުވި ގޮތުގައި، މިފަދަ ހަރަކާތްތަކުން ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް މަގުފަހިވެގެންދާނެއެވެ.

