7 އޮކްޓޯބަރު 2023 ފެށިގެން މިއަދާ ހަމަޔަށް ފަލަސްޠީނުގެ ޣައްޒާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 52،365 އަށް އަރައިފައިވާ ކަމަށް ފަލަސްޠީނުގެ އިދާރާތަކުން ބުނެފިއެވެ.
އަދި އޭގެ ތެރޭގައި 17،400 ކުޑަކުދިން ހިމެނޭއިރު، 117،905 މީހުން ޒަޚަމްވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
ޢައްޒާގެ މީޑިއާ އޮފީސްތަކުން ވަނީ އިމާރާތްތަކުގެ ދަށުގައި ގެއްލިފައިވާ އެތައްހާސް ބަޔަކު މަރުވެފައިވާ ކަމަށް ބުނެ މަރުވި މީހުންގެ އަދަދު 61،700 އަށް އަރާފައިވާ ކަމަށް ބުނެފައެވެ.
ޣައްޒާއަށް އެހީ ވެއްދުން ހުއްޓުވުމުގައި އިސްރާއީލުން ބައިނަލްއަގްވާމީ ގާނޫނާ ޚިލާފުވެފައިވާކަމުގެ ތުހުމަތުތަކާއި ގުޅޭ މައްސަލައިގެ އަޑުއެހުންތައް ވެސް މިހާރުވަނީ ބައިނަލްއަގްވާމީ ކޯޓު (އައިސީޖޭ) ފަށާފައިވާއިރު، އިސްރާއީލުން ބުނަނީ ހަނގުރާމަ ހުއްޓައި ނުލާނެ ކަމަށެވެ. އަދި ޣައްޒާގެ އާންމުން ކާބޯތަކެއްޗާއި ބޭހާއި އިންސާނީ އެހީން ވެސް މަހުރޫމް ކުރާނެކަމުގައެވެ.
މި މައްސަލައިގައި އދ. ން އިސްރާއީލާ ދެކޮޅަށް އުފުލާފައިވާ ދައުވާގައި ގާތްގަނޑަކަށް 40 ގައުމަކުން އިސްރާއީލާ ދެކޮޅަށް ވަކާލާތު ކުރާނެއެވެ.
އެމްނެސްޓީ އިންޓަނޭޝަނަލުން ބުނީ އިސްރާއީލުން ތަކުރާރުކޮށް ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންކާރުކޮށް، ހުރަސްއަޅަމުންދާ ކަމަށެވެ. އިސްރާއީލުގެ އަމަލުތަކުގެ ސަބަބުން ޣައްޒާގެ ހާލަތު ދަނީ ދުވަހެއް ދުވަހަށް ދަށަށް ގޮސްފައިވާއިރު، ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ޝަހީދުވަމުންދައިރު، ބަނޑުހައި ހޫނުކަމުގައި ޝަހީދުވާ މީހުންގެ އަދަދުތައްވެސް ދަނީ އިންތިހާއަށް ގިނަވަމުންނެވެ.
މިދިޔަ މާޗް މަހުގެ ދެވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ސަރުކާރުން ވަނީ ޣައްޒާއަށް އެއްވެސް ބާވަތެއްގެ ކާބޯ އެއްޗެއް ވެއްދުން ހަތިޔާރުގެ ބޭނުންކޮށްގެން ހުއްޓުވާފައެވެ.
ޣައްޒާގެ ރައްޔިތުން މިހާރު ތަހައްމަލްކުރާ ހައިހޫނުކަން ފާއިތުވި 30 އަހަރު ތެރޭގައި ދުނިޔޭގެ އެއްވެސް ގައުމަކުން ތަހައްމަލްކޮށްފައި ނުވާކަމަށް އދ. ން ބުނެއެވެ.

