ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
ރައީސް މެލޭޝިއާއަށް ވަޑައިގަތީ މި މަހުގެ 27 ވަނަ ދުވަހު، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްގެ ދަޢުވަތަކަށެވެ.
ރައީސް މެލޭޝިއާއަށް ވަޑައިގަތުމުން އެ ޤައުމުން ޙޫނު މަރުޙަބާއެއް ވަނީ ދަންނަވާފައިވާއިރު، މި ދަތުރުފުޅުގައި ރައީސް ވަނީ މެލޭޝިއާގެ ބޮޑުވަޒީރާއި، ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އެކިއެކި ދާއިރާތަކުން އެއްބާރުލުން ދިނުމާއި ގުޅޭގޮތުން އެއްބަސްވުންތަކުގައި ސޮއިކުރެވުނެވެ.
މީގެ އިތުރުން، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ދެގައުމުގެ ވެރިން އިޤްރާރުވެ ވަޑައިގަތްކަން ޖޮއިންޓް ޕްރެސް ކޮންފަރެންސްއެއްގައި އިޢުލާނު ކުރެއްވިއެވެ.
ދަތުރުފުޅުގެ ތެރޭގައި ރައީސް މުއިއްޒު، މެލޭޝިއާގެ އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބޭއްވި ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގެންނެވިއެވެ. ހަމައެއާއެކު، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އަށް ޒިޔާރަތްކުރައްވައި އެ ޔުނިވަރސިޓީގައި ތަޤުރީރެއް ކުރެއްވިއެވެ. އަދި މެލޭޝިއާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެ ޔުނިވަރސިޓީގެ އޮނަރަރީ ޑޮކްޓަރޭޓްކަމުގެ ޝަރަފުވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވަނީ އަރުވާފައެވެ.
އަދި ރައީސްގެ ދަތުރުފުޅުގެ މުހިންމު އެއް ބައިގެ ގޮތުގައި، މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް އިޖާބަދެއްވިއެވެ.
ރައީސް މުއިއްޒުގެ މި ރަސްމީ ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

