މަރުކަޒީ ބޭންކް، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމަށް އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި އައިޝަތު އަސްނާ ހަމްދު ނަން ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް އެ މައްސަލަ އެޖެންޑާ ކޮށްފައިވާއިރު، އެމްއެމްއޭގައި ދެވަނަ އަށް އެންމެ އިސް މަގާމަށް އަސްނާ އައްޔަން ކުރުމާ މެދު ގޮތެއް ނިންމައި ދިރާސާ ކުރުމަށްޓަކައި ކަމާ ގުޅޭ ކޮމިޓީ އަށް މިއަދު ފޮނުވާނެއެވެ.
އަސްނާ މިވަގުތު ހުންނެވީ މާލީ އިދާރާ ކުރިއެރުވުމާ ގުޅޭ އެމްއެމްއޭގެ ޑިޕާޓްމަންޓުގެ ވެރިޔާގެ ގޮތުގައެވެ. އަސްނާ އެމްއެމްއޭގައި ހިދުމަތް ކުރައްވާތާ 15 ވަރަކަށް އަހަރުވެފައެވެ.
އެމްއެމްއޭގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަކީ އާ ގަވަރުނަރު އަހުމަދު މުނައްވަރު އެ އިދާރާއާ ހަވާލުވުމަށް ފަހު، އޮނިގަނޑަށް ގެނައި ބަދަލުތަކުގެ ތެރެއިން އުފެއްދި މަގާމުތަކެކެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހުމަދު އިމާދު އިސްތިއުފާ ދެއްވުމާ ވިދިގެންނެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ އޭނާގެ މައްޗަށް އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލަން ފެށުމުންނެވެ.

