ޕާޓީ ކުރުން އާންމުވެފައިވަނީ 2018 އިން 2023 އަށް ހިނގި ސަރުކާރުގެ ދައުރުގައި ކަމަށް ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ޗެއާޕާސަން އަދި ހޯމްލޭންޑް ސްޓޭޓް މިނިސްޓަރު ލުބުނާ ޒާހިރު ވިދާޅުވެއްޖެއެވެ.
މި ވާހަކަ ލުބުނާ ދައްކަވާފައިވަނީ މި މަހުގެ 18 ވަނަ ދުވަހު އަންހެނަކު ފުރާޅު މައްޗަށް ވެއްޓުނު މައްސަލައާ ގުޅިގެން އުފެދިފައިވާ ޖަދަލުތަކާ ގުޅޭ ގޮތުންނެވެ. އެކްސްގައި ކުރެއްވި ޓްވީޓެއްގައި ލުބުނާ ވިދާޅުވެފައިވަނީ މި ސަރުކާރުން ވެރިކަމަށް އައިއިރު ޒުވާނުން ތިބީ ބިރަކާ ނުލާ މަޖާކޮށްކޮށް ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެންޑީއޭއިން މިދިޔަ އާދިއްތަ ދުވަހު ވަނީ ޕާޓީ ޑްރަގްސް ބޭނުންކުރުން އާންމުވެފައިވާ ކަމަށް ފާހަގަކޮށްފައެވެ.
"ގިނަ ބަޔަކު ޕާޓީ ޑްރަގު އެންމެ ފުރަތަމަ ބޭނުންކުރަނީ ދޭތެރެ ދޭތެރެއިން، ނަމަވެސް އޭގެ ތެރެއިން ލައިގެން ގޮސް ގިނަ ބަޔަކު މަސްތުވާތަކެތީގެ ޝިކާރައަކަށް ވަމުންދޭ،" އެންޑީއޭއިން ބުނެފައިވެއެވެ.
އެންޑީއޭއިން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި މި ވަބާގެ ސަބަބުން ޒުވާނުންނަށް ސިއްހީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން އެތައް ގޮންޖެހުންތަކެއް ކުރިމަތިވަމުންދެއެވެ.

