ހަށިގަނޑުގެ ގުނަވަންތަކުގައި ހާއްސަކޮށް ޖޮއިންޓުތަކުގައި ރިއްސުމާއި، ކަށިތަކަށް ތަދުވުމަކީ ކެތްކުރަން ވަރަށްވެސް ދަތިވާ ކަމެކެވެ. ހާއްސަކޮށް އުމުރުން ދުވަސްވަމުންދާ ވަރަކަށް ކަށިތަކާއި މަސްތައް ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ސަމާލުވާން ވާނެއެވެ، އެހެންނޫނީ އުމުރުން ދުވަސްވަމުންދާ ވަރަކަށް ތަދުތަކާއި ރިހުންތަކާއި ދުޅަވުން އިތުރުވެ ބޮޑުވަރު ވަމުން ދިއުމުން މީހާ އުމުރަށްވުރެ އަވަހަށް ބަލިވުން އެކަށީގެންވެއެވެ، އެހެންކަމުން މިފަދަ ގުދުރަތީ ފައިދާ ހުރި މާއްދާތަކުން ބޭސް ކުރުމާއި ދުރާލާ ގޭގައި ތައްޔާރުކުރެވޭ ގުދުރަތީ ބާވަތްތަކުގެ ފަރުވާއިން މީހާ ސަލާމަތީ ދުޅަހެޔޮކަންމަތީ ހުރުމަކީ ނުހަނު މުހިންމު ކަމެކެވެ. ޑޮޮކްޓަރީ ފަރުވާއާ ހަމައަށް ދާން ނުޖެހޭނެހެން ބޮޑެތި އޮޕަރޭޝަން ތަކާ ދުރުގައި ދުޅަހެޔޮ ކަންމަތީ ހުރުމަށް ރަނގަޅު ކާނާއާއި ދުޅަހެޔޮ ބާވަތްތައް ބޭނުން ކުރުމަކީ މާބޮޑަށްވެސް ސަމާލުކަން ދޭން ޖެހޭނެ ކަމެކެވެ.
މިގެނެސްދެނީ ކަށިތައް ވަރުގަދަކޮށް ބެހެއްޓުމަށް، އަދި ގައިގެ ކަށިތަކާއި މަސްތައް ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް، ދުޅަވުމާއި ތަދުތަކަށް އެންމެ އެކަށީގެންވާ ޒަމާނުއްސުރެ އިތުބާރު ލިބިފައިވާ ބާވަތްތަކުން ތައްޔާރުކޮށްލެވޭނެ ފަރުވާއެކެވެ. ތަދުތަކާއި ރިހުންތަކަށް، ދުޅަވުންތަކަށް މިއީ މުޖައްރިބު ފަރުވާއެކެވެ، އެހެނީ ކޮންމެ އެއްޗެއްވެސް ބޭނުން ކުރުމުގައި ވަކި މިންގަނޑެއް އޮންނާތީވެ، މިފަދަ ތަކެތި އެއްކޮށް ބޭނުން ކުރުމުގައި ވެސް އެ މިންގަނޑަށް ސަމާލުވުން ނުހަނު މުހިންމު ކަމަށްވާތީއެވެ.
ބޭނުންވާ ތަކެއްޗާއި ތައްޔާރު ކުރާނެ ގޮތް:
- 5 ސަމުސާ މާމުއި،
- 1 ސަމުސާ ރީނދޫ،
- 1 ސަމުސާ އިނގުރު(ހިމުންކޮށްފައި ހުރި އިނގުރުފުށް)،
- ސަމުސަލުގެ ކޮޅަށް ނެގޭވަރުގެ ކުޑަކުޑަ އަސޭމިރުސް(ހިމުންކޮށްފައި ހުރި)
- ތަށްޓަކަށް މިތަކެތި އަޅާށެވެ. އަދި ސަމުސަލުން އެއްކޮށްލާށެވެ. އޮލަކޮށް ބޭހެއް ގޮތަށް ތައްޔާރުވެފައި ތިހިރީ ހަގީގަތުގައިވެސް ބޭހަކަށް ފުދޭ މިކްސް އެކެވެ،
- ހައިބަނޑާ ކޮންމެ ދުވަހަކު މީގެ އެއްސަމުސާ ބޭނުން ކުރާށެވެ.
މިއީ ސިކުނޑީގެ ދުޅަހެޔޮކަމަށްވެސް ނުހަނު ފައިދާ ކުރަނިވި ބާވަތެކެވެ. ތިރީގައި މީގައި ހިމެނޭ މާމުޔާއި ރީނދުލާއި އަސޭމިރުސް އަދި އިނގުރުގެ ފައިދާތައް ބުނެދޭނަމެވެ.

ގައިގެ ކަށިތައް ވަރުގަދަކޮށް، ދުޅަވުމާއި ތަދުތަކަށް ގުދުރަތީ ބާވަތްތަކުގެ މިފަރުވާ، މާމުއާއި ރީނދޫ، އިނގުރާއި އަސޭމިރުސް
މާމުއި އަދި ރީނދޫ; މީގައި އެކުލެވޭ މުހިންމު މާއްދާތަކުގެ ސަބަބުން ކަށިތަކުގެ ދުޅަހެޔޮކަމަށާއި އިމިއުން ސިސްޓަމަށް ވަރަށް ގިނަ ފައިދާތަކެއް ކުރެއެވެ.
މާމުއިގައި ކެލްސިއަމް، މެގްނީޒިއަމް އަދި ޕޮޓޭސިއަމް ފަދަ މުހިންމު މަޢުދަނުތައް އެކުލެވޭއިރު، ރީނދުލުގައި އެކުލެވޭ ކަރްކިއުމިންގެ ސަބަބުން އިންފްލެމޭޝަން ދެކޮޅު އަދި އެންޓިއޮކްސިޑެންޓް ސިފަތައް ލިބެއެވެ.
ކަށިތަކުގެ ދުޅަހެޔޮކަމަށް ބަލާއިރު، މާމުއިގައި އެކުލެވޭ ޕޮލިފީނޯލްސްއިން ކަށިތައް ނެތިދިއުން މަދުކޮށް، އައު ކަށިތައް އުފެއްދުމަށް އެހީތެރިވެދެއެވެ. ހަމައެހެންމެ ރީނދުލުގައި އެކުލެވޭ ކަރްކިއުމިންއަށް އާތްރައިޓިސް ފަދަ ބަލިތަކާ ގުޅިފައިވާ އިންފްލެމޭޝަނާއި ރިހުން މަދުކޮށް، ކަށިތައް މަރާމާތުކުރުމަށް އެހީތެރިވެދެއެވެ.
އިމިއުން ސިސްޓަމަށް ބަލާއިރު، މާމުއިގައި އެކުލެވޭ ފްލެވޮނޮއިޑްސް އަދި ފީނޯލިކް އެސިޑްސް ފަދަ އެންޓިއޮކްސިޑެންޓްތަކުން ފްރީ ރެޑިކަލްސްތައް ނައްތާލައި، އިމިއުން ސެލްތަކުގެ މަސައްކަތް ހަރުދަނާކުރެއެވެ. އަދި ރީނދޫ އޭގެ އެންޓިއޮކްސިޑެންޓް ސިފަތަކުން ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކޮށް، އިމިއުން ސެލްތަކުގެ މަސައްކަތް އިތުރަށް ރަނގަޅުކޮށްދެއެވެ.
އިނގުރު
އިނގުރުގައި އެކުލެވޭ ޖިންޖެރޯލް ކިޔާ މާއްދާއިން ކަށިތަކުގެ ބަލިތަކުން ލިބޭ ރިހުމާއި އިންފްލެމޭޝަން މަދުކުރުމަށް އެހީތެރިވެދެއެވެ. އަދި އޭގެ އެންޓިއޮކްސިޑެންޓް ސިފަތަކުން އޮކްސިޑޭޓިވް ސްޓްރެސްއިން ލިބޭ ގެއްލުމުން ހަށިގަނޑު ރައްކާތެރިކޮށްދެއެވެ.
އިނގުރުގެ އިންފްލެމޭޝަން ދެކޮޅު ސިފަތަކުން އިމިއުން ސިސްޓަމް ވަރުގަދަކޮށްދެއެވެ. މިގޮތުން މެކްރޮފޭޖަސް، ނިއުޓްރޮފިލްސް އަދި ޓީ ސެލްތަކުގެ ހަރަކާތްތެރިކަން އިތުރުކޮށްދެއެވެ. އަދި ބެކްޓީރިއާ އަދި މައިކްރޯބް ދެކޮޅު ސިފަތަކުން އިންފެކްޝަންތަކާ ދެކޮޅަށް ހަނގުރާމަކުރުމަށް އެހީތެރިވެދެއެވެ.
ބްލެކް ޕެޕަރ ނުވަތަ އަސޭމިރުސް
އަސޭމިރުހުގައި އެކުލެވޭ މެންގަނީޒްއާއި ވިޓަމިން ކޭ އިން ކަށިތައް އުފެއްދުމަށާއި ވަރުގަދަކުރުމަށް އެހީތެރިވެދެއެވެ. އަދި މީގައި އެކުލެވޭ ޕައިޕެރިން ކިޔާ މާއްދާއިން ހުދު ލޭ ސެލްތައް އިތުރުކޮށްދީ، ކެލްސިއަމް އަދި ސެލީނިއަމް ފަދަ މާއްދާތައް ހަށިގަނޑަށް އަތުލުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން، ކަޅު އަސޭމިރުހުގެ އެންޓިއޮކްސިޑެންޓް އަދި އިންފްލެމޭޝަން ދެކޮޅު ސިފަތަކުން ދިގު މުއްދަތުގެ ބަލިތަކަށް ހުށަހެޅުމުގެ ފުރުޞަތު މަދުކުރެވިދާނެއެވެ.
ނޯޓް؛ (އެހީ؛ ޑރ އިޝާ، ހެލްތުލައިން ޑރ ޑެބްރާރޯސް)

