މަތީ ތަޢުލީމު ހާސިލުކުރާ ދަރިވަރުންގެ މަޢުލޫމާތު ބެލެހެއްޓުމަށްޓަކައި ހާއްސަ ޕޯޓަލެއް ޤާއިމުކުރުމަށް ނިންމާފައިވާކަމަށް މަތީ ތަޢުލީމާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު ހާމަކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ޢަޒާން މަރުޒޫގު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން، ވަޒީރު ވިދާޅުވިގޮތުގައި، މި އަހަރުގެ އޮކްޓޯބަރު މަހުގައި އެޕޯޓަލްގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި މި ފޯޓަލް މެދުވެރިކޮށް ދަރިވަރުންނަށް އަވަހަށް ޖަވާބު ލިބޭނެ އިންތިޒާމު ހަމަޖެއްސިގެންދާނެކަމަށެވެ.
މަތީ ތައުލީމާއި ބެހޭ ވުޒާރާއިން ހިދުމަތް ދޭ ދަރިވަރުންގެ އަދަދު އިތުރުވުމަކީ ޖަވާބުދިނުން ލަސްވުމަށް މެދުވެރިވާ މައިގަނޑު ސަބަބުކަމަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވިގޮތުގައި ވުޒާރާގެ ސްކޮލަރޝިޕް ސެކްޝަނާއި، ލޯނު ސެކްޝަނުގެ އިތުރަށް ސަރުކާރުން ހިންގާ ހިލޭ ޑިގްރީ ޕްރޮގްރާމާއި ގުޅޭ ސެކްޝަނަށް ދުވާލެއްގެ މައްޗަށް 600 އަށްވުރެ ގިނަ އީމެއިލާއި ސިޓީ ލިބޭކަމަށެވެ.
ވުޒާރާއިން އެންމެ ބޮޑު އިސްކަމެއް ދެނީ ދަރިވަރުންނަށް ފައިސާ ދޫކުރުމަށް ކަމަށާއި ނިމިދިޔަ 2024 ވަނަ އަހަރު ދަރިވަރުންނަށް ވަނީ 1.5 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ދޫކުރެވިފައިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ނިމުނު އަހަރު އަޅުގަނޑުމެން ވާނީ 1.5 މިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ފައިސާ ދަރިވަރުންނަށް ދޫކުރެވިފައި. މިއީ ކުރީގެ އެއްވެސް އަހަރެއްގައި ދޫކުރެވިފައިނުވާ ވަރުގެ ބޮޑު އަދަދެއް،" – ވަޒީރު ޑރ. ޢަލީ ޙައިދަރު
އައު ޕޯޓަލް ޤާއިމުކުރުމުން، ދަރިވަރުންނާއި ބެލެނިވެރިންނަށް މަޢުލޫމާތު ހޯދުމާއި ސުވާލުތަކަށް ޖަވާބު ލިބުން ފަސޭހަވެގެންދާނެ ކަމަށާއި ޕޯޓަލްގެ އިތުރު ތަފްޞީލުތައް އޮކްޓޯބަރު މަހުގެ ކުރިން އާންމުކުރެވޭނެ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެެއެވެ.

