އަޅުގަނޑަށް ނުފޫޒު ފޯރުވުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި މިނިވަންކަމާ އެކު މަސައްކަތް ނުކުރެވޭނެ ކަމަށް ފެނިއްޖެ ނަމަ ކޮމިޝަންގައި ނުހުންނަވާނެ ކަމަށް، މާލޭ އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަންގެ އިސްކޮށް ހުންނަވާ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
މުނައްވަރު މިހެން ވިދާޅުވީ، ހ. ފެންޓެނޯއީގޭ 9 ފަންގިފިލާއިން މި މަހުގެ 18 ވަނަ ދުވަހު ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ބަލައި، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ހާއްސަ ކޮމިޝަން އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ޔުމްނާ ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސް މި ހާއްސަ ކޮމިޝަނެއް އުފެއްދެވީ މިމަހުގެ 27 ވަނަ ދުވަހުގެ ރޭގައެވެ.
ކޮމިޝަންގެ މަސައްކަތް ކުރިއަށްދާނެ ގޮތާ ބެހޭ ގޮތުން މުނައްވަރު ވިދާޅުވީ، އެ ކޮމިޝަނުން ފުލުހުންގެ ތަހުގީގު ފުރިހަމަކުރުމަށް އެހީތެރިވާނެ ކަމަށެވެ. އަދި މި މައްސަލައިގައި އިންސާފު ލިބޭނެކަން ޔަގީންކުރުމަކީ ކޮމިޝަންގެ މަގްސަދު ކަމަށް ވިދާޅުވިއެވެ.
ޔުމްނު ވެއްޓުނު މައްސަލައަކީ ރައްޔިތުންގެ މަސްލަހަތު އޮތް ހައްސާސް މައްސަލައަކަށްވާތީ ޔުމްނުގެ އާއިލާ އިން އެދޭ ގޮތަށް އިންސާފުގެ މަގަށް ކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ގެންގޮސްދޭނެ ކަމަށް މުނައްވަރު ވިދާޅުވިއެވެ.
މި މައްސަލަ ބަލައި ނިންމުމަށް މާ ގިނަ ދުވަހެއް ނުނަގާނެ ކަމަށް މުނައްވަރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ސީދާ މި މައްސަލަ ބަލައި ނިންމަން ހޭދަ ވާނެ މުދަތެއް ހާމައެއް ކުރައްވާފައެެއް ނުވެއެވެ.

