ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ގ. އެރިއަދޫ ރައުދު އަހްމަދު ޒިލާލް (21އ)ގެ ބަންދުގެ މުއްދަތު އިތުރު 10 ދުވަހަށް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފިއެވެ.
މި މައްސަލައިގައި ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ރައުދަކީ، ހާދިސާ ހިނގި ވަގުތު ހ. ފެންޓެނޯއީގައި ހައްވާ ޔުމްނު ރަޝީދު (21އ)އާއެކު ހަރަކާތްތެރިވަމުން ދިޔަ މީހެކެވެ. މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 7:30 ހާއިރުއެވެ.
މި މައްސަލައިގައި ފުލުހުން ވަނީ ރައުދާއި ޔުމްނު ފެންޓެނޯއީގޭގެ އެތެރޭގައާއި އިމާރާތުން ބޭރުގައި އުޅޭ މަންޒަރުތައް ފެންނަ ވީޑިއޯ ފުޓޭޖު އާންމުކޮށްފައެވެ. އަދި މައްސަލައިގައި ޔުމްނު ހިމެނޭހެން ޖުމުލަ 8 މީހެއްގެ ފޯނާއި ޕާސްޕޯޓުވެސް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވެއެވެ.
ތަހުގީގުގެ ތެރެއިން މއ. މާންދޫގެ ދެކުނުބައިގެ ޓެރަހާއި އެ އިމާރާތުގެ 2 އަދި 4 ވަނަ ފަންގިފިލާ އަދި ހ. ކަށިވެލި ގޭގެ 3 ވަނަ ފަންގިފިލާވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ.
ހާދިސާގައި ބޮޑެތި އަނިޔާތަކެއް ވެފައިވާ ހައްވާ ޔުމްނު ރަޝީދަށް މިވަގުތު ދަނީ މެލޭޝިޔާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންނެވެ. އޭނާގެ ކަނދުރާގެ ނާޒުކު އޮޕަރޭޝަން އިއްޔެ ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.

