މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އަޕަރ ނޯތު ޕޮލިހާއި ޑްރަގް އެންފޯސްމަންޓު އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހދ. ހަނިމާދޫއާއި ފިއްލަދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
މި ހަތް މީހުން ވެސް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.
މި މަހު 29 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންތަކުގެ ތެރެއިން ހަނިމާދޫގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހދ. ހަނިމާދޫ، ލޭކޮކާ، އުމުރުން 38 އަހަރުގެ ޢަބްދުލްޢަޒީޒް ޙަސަން އާއި ކ. ގުރައިދޫ، ގުލްފާމުގެ، އުމުރުން 21 އަހަރުގެ ޖައިލަމް މުހައްމަދު އާއި ކ. ގުރައިދޫ، ނަލަވާ، އުމުރުން 23 އަަހަރުގެ ޙުސައިން ޝާވިންއެވެ. މި ތިން މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި އެކަކުގެ އަތުން ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 18.6 ގުރާމެވެ.
މި މައްސަލައާ ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޖައިލަމް މުހައްމަދު އާއި ހުސައިން ޝާވިން ފަސް ދުވަހަށް ބަންދުކުރުމަށް އަދި ޢަބްދުލްޢަޒީޒް ޙަސަން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
ފިއްލަދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހއ. ފިއްލަދޫ، ކެވެލި، އުމުރުން 34 އަހަރުގެ އަހުމަދު ޙަލީމް އާއި ހއ. ފިއްލަދޫ، ޓާޓާގެ، އުމުރުން 45 އަހަރުގެ މުޙައްމަދު ޞާދިޤުއެވެ. މި ދެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ބޭނުންކުރަން ގެންގުޅޭކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަހުމަދު ހަލީމް 15 ދުވަހަށް އަދި މުޙައްމަދު ޞާދިޤު 7 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

