މަޑްރާސް އިންސްޓިޓިއުޓް އޮފް އޯތޮޕީޑިކްސް އެންޑް ޓްރޯމަޓޮލޮޖީ (މިއޮޓް) ގެ ގޮތްޕެއް މިއަދު މާލޭގައި ހުޅުވައިފިއެވެ. މި ގޮފި ހުޅުވުމާއެކު، ކޮންމެ ފަހަރަކު އިންޑިއާއަށް ދަތުރުކުރަން ނުޖެހި މިއޮޓްގެ ޚިދުމަތްތައް ދިވެހިންނަށް ލިބެން ފަށާނެއެވެ.
މިއޮޓުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި މިއޮޓް އިންޓަނޭޝަނަލުން އެތައް ހާސް ދިވެހިންނެއް ފަރުވާ ހޯދާފައިވެއެވެ. “ރިހެބިލިޓޭޝަނަކީ އަނިޔާއަކުން ނުވަތަ ބައްޔަކުން ރިކަވަރ ކުރުމުގެ އިތުރުން އާންމު ދިރިއުޅުމަކަށް އެނބުރި އައުމަށްޓަކައި އެންމެ މުހިންމު ޚިދުމަތް” ކަމަށް މިއޮޓުން ފާހަގަކޮށްފައިވެއެވެ.
މި ސެންޓަރުން ރިހެބިލިޓޭޝަންއާ ގުޅޭ ހުރިހާ ޚިދުމަތެއް އެއްފުރާޅެއްގެ ދަށުން ލިބިގެންދާނެއެވެ. މީގެ ތެރޭގައި ރީހެބް ސްޕެޝަލިސްޓުންނާއި، ނިއުރޮލޮޖިސްޓުންނާއި، ސައިކޭޓްރިސްޓުންނާއި، ފިޒީޝަނުންނާއި، ސްޕީޗް ލެންގުއޭޖް ޕެތޮލޮޖިސްޓުންގެ އިތުރުން އެހެނިހެން ދާއިރާތަކުގެ މާހިރުންގެ ޚިދުމަތް ހިމެނެއެވެ.
ނާރުގެ ބަލިތަކާއި، ކެންސަރު ބައްޔާއި، ކުޅިވަރު ކުޅުމުގެ ތެރެއިން ލިބޭ އަނިޔާތަކަށް މި ސެންޓަރުން ފަރުވާ ލިބޭނެއެވެ. އަދި ރެސަސިޓޭޝަން ރޫމަކާއި ފިޒިއޮތެރަޕީ ސަޕޯޓުގެ ދަށުން ހަނދާން ނެތުމާއި، ކަންކަމަށް ސަމާލުކަން ނުދެވުމާއި، ނިދި ގެއްލުން ފަދަ މައްސަލަތަކަށްވެސް ފަރުވާ ލިބޭނެއެވެ.
މި ސެންޓަރުގައި ބޭނުންކުރާނީ އެންމެ ޒަމާނީ ސިއްހީ ވަސީލަތްތަކާއި މެޝިނުތައް ކަމަށާއި، ޗެންނާއީގައި ހުންނަ މައި މަރުކަޒުން ވަގުތުން ވަގުތަށް ފީޑްބެކް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް މިއޮޓުން މަޢުލޫމާތު ދީފައިވެއެވެ.

