ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ބޭންކް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިއަދު ވަނީ ހުޅުވާލައިފައެވެ. މި ފަންޑަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަދަނީ ޖަމްޢިއްޔާތަކާއި ކުލަބުތަކުން ހިންގާ ދެމެހެއްޓެނިވި މަޝްރޫޢުތަކަށް އެހީތެރިވުމުގެ ގޮތުން މިދިޔަ އަހަރު ތަޢާރަފުކުރި ފަންޑެކެވެ.
މި ފަންޑުގެ ދަށުން ކޮންމެ އަހަރަކު، ތަޢުލީމާއި، ތިމާވެށްޓާއި، ކުޅިވަރާއި މުޖުތަމަޢަށް ފައިދާކުރާ ދާއިރާތަކުން 5 ޕްރޮޖެކްޓެއް ހޮވައި، ކޮންމެ ޕްރޮޖެކްޓަކަށް 200,000 ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިދިޔަ އަހަރުވެސް މި ފަންޑުގެ ދަށުން 5 ޖަމްޢިއްޔާއަކަށް މާލީ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.
މިގޮތުން މިދިޔަ އަހަރު އެހީ ލިބުނު ފަރާތްތަކުގެ ތެރޭގައި މުރަކަ ފާމް، ޗިލްޑްރަން އޮފް މޯލްޑިވްސް، ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުން، ވޭމަންޑޫ ޒުވާނުންގެ ގުޅުން އަދި ޔުނިޓީ ސްޕޯޓްސް އެކަޑަމީ ހިމެނެއެވެ.
މި އަހަރުގެ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުޞަތު މެއި މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 އާ ހަމައަށް ހުޅުވާލެވިފައިވާއިރު، ފޯމާއި ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ބީއެމްއެލްއިން ވަނީ ހާމަކޮށްފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ބީއެމްއެލްއިން މީގެ ކުރިން ކޮމިއުނިޓީ ފަންޑުގެ ނަމުގައި ހިންގި ހާއްސަ ފަންޑުން 100 މަޝްރޫޢަކަށް އެހީތެރިކަން ފޯރުކޮށްދީފައިވުމެވެ. މި ފަންޑަކީވެސް ޖަމްޢިއްޔާތައް ބާރުވެރިކުރުމަށާއި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް އެހީތެރިވުމުގެ ގޮތުން ހިންގުނު ފަންޑެކެވެ.

