އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް ނިންމަވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝަހީމް ވިދާޅުވީ، އެ ޕާޓީގެ ސީނިއަރ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން ހިދުމަތްކުރި އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް ނިންމަވައިފި ކަމަށެވެ.
ހަމައެއާއެކު، މި އަހަރު ފަހުކޮޅު ޕާޓީއަށް އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވާފައިވާކަންވެސް ވަޒީރު ޝަހީމް ވަނީ ވިދާޅުވެފައެވެ.
މީގެ ކުރިންވެސް އަދާލަތު ޕާޓީގައި ހުންނެވި ޝަހީމް އެ ޕާޓީއިން 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހު ވަކިވެވަޑައިގެންނެވުމަށްފަހު، ފަހުން ގުޅިވަޑައިގެންނެވީ ޕީޕީއެމްއާއެވެ.

