ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރެވެންދެން އެ އެސޯސިއޭޝަނަށް ދީފައިވާ ޤައުމީ ޙައިސިއްޔަތު ކުޅިވަރާއި ބެހޭ ވުޒާރާއިން ވަގުތީ ގޮތުން އުވާލައިފިއެވެ.
މިއަދު އެ ވުޒާރާއިން ނެރެެފައިވާ އިއުލާނެއްގައި ބުނެފައިވާގޮތުގައި މި ފިޔަވަޅު އެޅީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ ދައުރު 2024 މާރިޗް 11 ވަނަ ދުވަހަށް ހަމަވެ، އެ އެސޯސިއޭޝަންގެ އިންތިޚާބު ނުބޭއްވި އެއް އަހަރަށް ވުރެ ދުވަސް ފާއިތުވެފައިވާތީ ކަމަށެވެ.
އަދި، ދައުރު ހަމަވެފައިވާ ހިންގާ ކޮމިޓީގެ އެއްވެސް މެންބަރަކަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނަމުގައި އެއްވެސް މުޢާމަލާތެއް ކުރުން މިއަދުން ފެށިގެން މަނާވާނެކަމަށްވެސް އެ ވުޒާރާއިން ވަނީ އަންގާފައެވެ.
ހަމައެއާއެކު، ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ޤަވާއިދަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެނެވިފައިނުވާ ކަމަށާއި، ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ މަޝްވަރާއާއެކުގައި މި ފިޔަވަޅު އެޅުމަށް ނިންމީ އެސޯސިއޭޝަނުގެ ހިންގާ ޤަވާޢިދަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރެވެންދެން ކަމަށްވެސް ކުޅިވަރާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މި އެސޯސިއޭޝަންގެ ހުރި މައްސަލަތައް ޙައްލުކޮށް އެސޯސިއޭޝަންގެ އިންތިޚާބު ބޭއްވުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީންވެސް މީގެ ކުރި ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، އެސޯސިއޭޝަނުގެ ހިންގާ ޤަވާއިދަށް ގެންނަންޖެހޭ ބަދަލުތަކާއި ހިންގާ ކޮމިޓީ އިންތިޚާބު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީގެ ބެލުމުގެ ދަށުން 3 މެންބަރުންގެ މައްޗަށް އެކުލެވޭ އެޑް-ހޮކް ކޮމިޓީއެއް އެކުލަވާލުމަށްވެސް ވަނީ ނިންމާފައެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުގެ ޤައުމީ ޙައިއްސިޔަތު އުވާލުމަށް ނިންމީ އެ އެސޯސިއޭޝަންގެ އެތެރޭގައި ހުރި މައްސަލަތައް ޙައްލުކޮށް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރުމަށްކުރެވުނު ގިނަ މަސައްކަތްތަކުގައިވެސް އެސޯސިއޭޝަންގެ އެއްބާރުލުން ނުލިބި މައްސަލަ ދިގުލައިގެން ދިއުމުން ކަމަށާއި، މެންބަރުންގެ އިތުރުން އޮފިޝަލުންނާއި ޚާއްޞަކޮށް ކުޅުންތެރިންނަށް ފޫބައްދަން ދަތި ގެއްލުންތައް ލިބެމުން ދާތީ ކަމަށް ކުޅިވަރާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ކުޅުންތެރިންގެ ފަރާތުންވެސް ގިނަ ޝަކުވާތަކެއް ލިބިފައިވާކަމަށް ކުޅިވަރާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

