ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ރައްޔިތުންނަށް އިޤްތިޞާދީ ނަފާ ހޯދޭނެ މަގުފަހިކުރުމަށް އެއަތޮޅު “ހިރިނައިދޫ” އަކީ ނެއްލައިދޫގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ.
ރައީސް ޑރ މުއިއްޒު މިގޮތަށް ކަނޑައަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން މިއަދު ނެރުއްވި ޤަރާރެއްގައެވެ. މި ޤަރާރުގައިވާ ގޮތުން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ޖަދުވަލުގައި ހިމަނާފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް ނެއްލައިދޫގެ ބައެއްގެ ގޮތުގައި “ހިރިނައިދޫ” އިތުރު ކޮށްފައިވެއެވެ.
މިކަން މިގޮތަށް ނިންމެވުމުގެ ކުރިން، މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ރައީސް ޑރ މުއިއްޒު ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި ނެއްލައިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން، ނެއްލައިދޫ ރައްޔިތުންނަށް އިޤްތިޞާދީ ނަފާ ހޯދޭނެ ރަށެއްގެ ގޮތުގައި ހިރިނައިދޫ ހަމަޖައްސަވައި ދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.
އެ ބައްދަލުވުމުގައި ރައީސް ޑރ މުއިއްޒު ވިދާޅުވެފައިވަނީ ރަށާއި ސަރަޙައްދުގައި ތިބެގެން އާމްދަނީ ހޯދޭނެ ފަހި ފުރުޞަތުތަކެއް ޤާއިމުކޮށްދެއްވުމުގެ ގޮތުން ރަށުގައި ތިބެގެން ވިޔަފާރީގެ ބޭނުމަށް އުފައްދާ ތަކެތި، އޮންލައިންކޮށް މާކެޓްކޮށް ވިއްކޭނެ ޒަމާނީ ޕްލެޓްފޯމެއް ސަރުކާރުން ޤާއިމުކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ފަތުރުވެރިކަން ފުޅާކުރުމަށް އިތުރު ދޮރުތައް ހުޅުވިގެންދާނެ ކަމަށްވެސް ވަނީ ފާހަގަކުރައްވާފައެވެ.
މިއަދު ނެރުއްވާފައިވާ ޤަރާރުގައި “ހިރިނައިދޫ” އަކީ ނެއްލައިދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސަވައި، “ހިރިނައިދޫ”ގެ ނަން ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވީ ގޮތް ކަނޑައަޅައި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު އަދާހަމަކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ. މި ޤަރާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައެވެ.

