ދ. ކުޑަހުވަދޫގައި ތަރައްޤީ ކުރަމުންދާ މަގުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މަޢުލޫމާތު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އާރްޑީސީން މަޢުލޫމާތު ދެމުން ބުނެފައިވަނީ، މިވަގުތު އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދަނީ އޯކިޑް މަގާއި ފަރީދީ މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް ކަމަށެވެ. މީގެ އިތުރުން އާކުރި މަގުގައި ކޭބަލް ޖަންކްޝަން ބެހެއްޓުމަށްޓަކައި މަގު ކޮނުމާއި ހޮޅި އެޅުމުގެ މަސައްކަތްވެސް ދަނީ ކުރިއަށް ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
ކުޑަހުވަދޫގެ މަގުތައް ތަރައްޤީ ކުރުމުގެ މި މަޝްރޫޢަކީ 122 މިލިއަން ރުފިޔާގެ އަގުގައި އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރާއި އާރްޑީސީއާ ދެމެދު ސޮއިކޮށްފައިވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުގައެވެ.
މި މަޝްރޫޢުގެ ދަށުން ކުޑަހުވަދޫގެ 5.85 ކިލޯމީޓަރުގެ މަގުތަކެއްގައި ތާރުއެޅުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމްކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ

