ހުޅުމާލޭގައި ހުންނަ ސްކޫލެއްގެ މުދައްރިސުން ބޭނުންކުރާ ގޭޓުން ނުކުމެގެން ދިޔަ ކީ-ސްޓޭޖް 1ގެ ދަރިވަރަކު މިއަދު ފުލުހުންގެ އެހީތެރިކަމާއެކު ހޯދައިފިއެވެ.
އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ވިދާޅުވި ގޮތުގައި، މި ހާދިސާ މިނިސްޓްރީގެ ސަމާލުކަމަށް އައިސް މިނިސްޓަރާ ހަމައަށް ރިޕޯޓުކުރެވުނީ މިއަދު 15:11 ގައެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީތެރިކަމާއެކު މިނިސްޓްރީއާއި ސްކޫލުން ކުރި މަސައްކަތުން 15:31 ގައި ވަނީ އެ ދަރިވަރު ހޯދާފައެވެ.
“މާތް ﷲގެ ރަހުމަތުން އެ ކުއްޖާއަށް އެއްވެސް ގެއްލުމެއް ލިބިފައިނެތް،” މިނިސްޓަރު ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅޭ މަޢުލޫމާތު އާންމުކުރެއްވި ސަބަބު ބަޔާންކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިފަދަ ކަމެއް ހިނގުމުން އެކަމެއް ނުފޮރުވާ، ނިޒާމު ހަރުދަނާ ކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ ބޭނުންތެރިކަން ފާހަގަކުރެއްވުމަށް ކަމަށެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މުދައްރިސުން ބޭނުންކުރާ ގޭޓަކީ ތަޅުލެވިފައި ހުންނަންޖެހޭ ނުވަތަ ފާރަވެރިއަކު ހުންނަންޖެހޭ ގޭޓެކެވެ. އެހެންކަމުން، ދަރިވަރަށް އެ ގޭޓުން ނުކުމެވުނު ސަބަބު ބަލައި، އެފަދަ ކަމެއް ތަކުރާރުނުވާނެ ގޮތަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ސްކޫލުގެ އެންމެހާ މަސްލަހަތުވެރިންނަށް ދެއްވާފައިވެއެވެ

