ދިވެހިރާއްޖޭގެ ގައުމީ ޚިދުމަތުގެ ޕްރޮގްރާމު (މޯލްޑިވްސް ނޭޝަނަލް ސަރވިސް) ގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުންނަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ޑިފެންސް މިނިސްޓްރީން ހުޅުވާލާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. ނަމަވެސް 16 އަހަރާއި 18 އަހަރާ ދެމެދުގެ ޒުވާނުން މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭނަމަ، އެކަމަށް ބެލެނިވެރިޔާ އިއުތިރާޒު ނުކުރާކަމުގެ އިޤްރާރެއް ހުށަހަޅަންޖެހޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމެއްގެ ދަށުން ތަޢާރަފުކުރެވޭ މި ޕްރޮގްރާމަކީ، ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙު އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ، އަދި ޤައުމަށް ދިމާވާ ނުރައްކާތަކާއި ކާރިސާތަކުގައި ސާބިތުކަމާއެކު ކުރިމަތިލާނެ ޒުވާނުން ތައްޔާރުކުރުމަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމެކެވެ.
މިދިޔަ އަހަރުގެ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި މި ޕްރޮގްރާމް އިޢުލާނުކުރައްވަމުން ރައީސް ވިދާޅުވީ، “މި ޕްރޮގްރާމުގެ ސަބަބުން ތަމްރީނު ލިބިފައި ތިބި، އަޚްލާޤު ރަނގަޅު، ޤައުމަށް ފައިދާހުރި ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެވޭނެ” ކަމަށެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް އެލަވަންސެއް ދިނުމަށް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ޑިފެންސް މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

