ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމުގެ ސަބަބުން މިއަހަރުގެ އަހަރުގެ ފުރަތަމަ ކުއާޓަރގައި ކުންފުނީގެ އާމްދަނީއަށް އަސަރުކުރި ނަމަވެސް، ކުންފުނީގެ ހިންގުމުގެ ދާއިރާއާއި މާލީ ހާލަތު ރަނގަޅު މިންގަނޑެއްގައި ހިފެހެއްޓިފައިވާ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.
އެސްޓީއޯ އިން މިހެން ބުނެފައިވަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ ހިސާބުތައް ހިއްސާ ކުރުމަށް އެސްޓީއޯގެ ވެބްސައިޓުގައި ސާއިރުކުރި ސްޓޭޓްމަންޓެއްގައެވެ.
އެސްޓީއޯއިން ބުނީ ތެލުގެ ވޮލިއުމް އިތުރުވެ، ގެނެރަލް ޓްރޭޑިން، ކޮންސްޓްރަކްޝަން މެޓީރިއަލްސް އަދި ހެލްތްކެއަރ ސޮލިއުޝަންސްގެ ވިޔަފާރީގެ ދާއިރާތަކުން ލިބޭ އާމްދަނީ ދެމެހެއްޓުމާއި، ކުންފުނީގެ އޮޕަރޭޝަނަލް އަދި އިންވެސްޓްމަންޓްތަކަށް ބޭނުންވާ، ފައިސާ ހަމަޖެއްސުމަށް އެކަށީގެންވާ ފަންޑު ބެހެއްޓުމާއިއެކު އެކަށީގެންވާ މާލީ ނަތީޖާއެއް ވަނީ ހާސިލްކުރެވިފަ ކަމަށެވެ.
އެސްޓީއޯއަށް 2025 ގެ ފުރަތަމަ ކުއާޓަރގައި ޖުމްލަ އާމްދަނީގެ ގޮތުގައި 4.02 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ، 2024 ގެ ހަތަރުވަނަ ކުއާޓަރގައި ލިބުނު 3.84 ބިލިއަން ރުފިޔާއާއި އަޅާބަލާއިރު %4.6 ގެ ކުރިއެރުމެކެވެ. ކުރީ އަހަރާ އަޅާބަލާއިރު އާމްދަނީ ދަށްވެފައިވަނީ މައިގަނޑު ގޮތެއްގައި 2024 ވަނަ އަހަރުގެ ފުރަތަމަ ދެ ކުއާޓަރގައި މަތިވެފައިވާ ބައިނަލްއަޤްވާމީ ތެލުގެ އަގުތައް އާންމު ހާލަތަށް އައުމުގެ ސަބަބުންނެވެ.
ތެލުގެ ވިޔަފާރި ނޫން އެހެނިހެން ދާއިރާތަކުންވެސް ރަނގަޅު ކުރިއެރުންތަކެއް ލިބިފައިވާއިރު، ޚާއްޞަކޮށް އާންމު ވިޔަފާރިއާއި، އިމާރާތްކުރުމުގެ ދާއިރާ އަދި ސިއްޙީ ޚިދުމަތްތަކުގެ ހައްލުތަކުގެ ދާއިރާއިން ހަރުދަނާ ނަތީޖާތަކެއް ދައްކުވައިދީފައިވެއެވެ. އެސްޓީއޯގެ އެހެނިހެން ވިޔަފާރިތަކުގެ ކުރިއެރުމާއި އާމްދަނީއަށް އައި ބަދަލުތަކާއެކުވެސް، ކުންފުނީގެ މުޅި އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ތެލުގެ ވިޔަފާރިންނެވެ. މިކަމުން ކުންފުނީގެ މައިގަނޑު އާމްދަނީއަށް އެންމެ ބޮޑު ހިއްސާއެއް ކުރާ ވިޔަފާރި ދެމިއޮތްކަން ހާމަވާކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
އެސްޓީއޯގެ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ޖުމްލަ ފައިދާގެ ގޮތުގައި 583 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ލިބުނު 617 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ. މި ދަށްވުން އައިސްފައިވަނީ މައިގަނޑު ގޮތެއްގައި މި ކުންފުނިން ތެޔޮ ވިއްކާ އަގު ދަށްކުރިކުރުމުގެ ސަބަބުންނެވެ. ނަމަވެސް މުހިންމު ދާއިރާތަކުގެ ވިޔަފާރީގެ މިންވަރު ދެމެހެއްޓިފައިވެއެވެ. ހިންގުމުގެ ފައިދާގެ ގޮތުގައި 263 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ލިބުނު 308 މިލިއަން ރުފިޔާ އަދި ކުރީ ކުއާޓަރގައި ލިބުނު 300 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެއް ކަމަށް އެސްޓީއޯއިން ހާމަ ކުރެއެވެ.
އެސްޓީއޯއިން ބުނީ ހިންގުމުގެ ޚަރަދުތައް ރަނގަޅަށް ބެލެހެއްޓިފައިވީ ނަމަވެސް، ޖުމްލަ ފައިދާ ދަށްވުމާއި އާމްދަނީ ލިބޭ ވަގުތުގެ ތަފާތުން ހިންގުމުގެ ނަތީޖާއަށް އަސަރުކޮށްފައިވާ ކަމަށެވެ. ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 169 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ލިބުނު 195 މިލިއަން ރުފިޔާއާ އަޅާބަލާއިރު %13.5 ދަށް އަދަދެކެވެ. މި ދަށްވުން އައިސްފައިވަނީ ޖުމްލަ ފައިދާ ދަށްވުމާއި ޕްރޮވިޜަންތައް އިތުރުވުމުގެ ސަބަބުން، ނަމަވެސް ވިޔަފާރީގެ ހުރިހާ ދާއިރާއަކުންވެސް ފައިދާ ލިބި، ލަފާކުރެވުނު މިންވަރުގައި ހިފެހެއްޓިފައިވާކަން އެސްޓޯއޯއިން ވަނީ ފާހަގަކޮށްލާފައެވެ.
ކުންފުނިން އަމާޒުކޮށްފައިވަނީ ތެލުގެ ވިޔަފާރިއާއި ހޯލްސޭލް މާކެޓް ފުޅާކުރުމާއި، އަދި މީގެ އިތުރުން އައު މުދާ ތަޢާރަފުކޮށްގެން އާމްދަނީ އިތުރުކުރުމަށް އެސްޓީއޯއިން ބުނެއެވެ. މުހިންމު އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައް ކުރިއަށްދާއިރު އަދި ޑިޖިޓަލް ޕްލެޓްފޯމްތައް ހަރުދަނާވަމުންދާއިރު، ވަރުގަދަ އަސާސްތަކާއި ޒިންމާދާރު މާލީ މެނޭޖްމަންޓުގެ އެހީގައި، ކުރިއަށް އޮތް ދުވަސްތަކުގައި ކުންފުނިން ކުރިއެރުމުގެ ދުވެލި އަލުން ހޯދުމަށް ތައްޔާރުވެފައިވާ ކަމަށް އެސްޓިއޯއިން ވަނީ ބުނެފައެވެ.
އެސްޓީއޯގެ ވިޔަފާރީގެ އެންމެހާ ބައިވެރިން އެސްޓީއޯގެ ކަންކަމާމެދު ބަހައްޓަވާ ގާތްކަމާއި ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް، ނިހާޔަތައް ޝުކުރު އަދާކުރާ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

