ތައިލެންޑަށް ދަތުރުކުރާ ފަރާތްތަކުން އެ ޤައުމަށް އެތެރެވުމުގެ ކުރިން ފުރަންޖެހޭ ޑިޖިޓަލް އެރައިވަލް ކާޑު މިއަދުން ފެށިގެން ފުރަންޖެހޭނެ ކަމަށް ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.
ތައިލެންޑުގެ އިމިގްރޭޝަން އުސޫލުތަކަށް ގެނެވުނު އައު ބަދަލާ ގުޅިގެން، އެ ޤައުމަށް ދަތުރުކުރާ ހުރިހާ ބިދޭސީންވެސް ދަތުރުކުރުމުގެ 3 ދުވަސް ކުރިން އޮންލައިންކޮށް އެރައިވަލް ކާޑު ފުރިހަމަކުރަން ޖެހޭނެއެވެ. މި ބަދަލު ވަނީ މިއަދުން ފެށިގެން އަމަލުކުރަން ފަށާފައެވެ.
ޚާރިޖީ ވުޒާރާއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބަދަލާ ގުޅިގެންވެސް ރާއްޖެއާއި ތައިލެންޑާ ދެމެދު ހަމަޖެހިފައިވާ ވިސާގެ އެއްވެސް އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް ބަދަލެއް އައިސްފައެއް ނުވެއެވެ. އަދި ކުރިއެކޭ އެއްގޮތަށް ދިވެހިންނަށް 90 ދުވަހުގެ “އެންޓްރީ ވިސާ” ގައި ތައިލެންޑަށް ދަތުރުކުރުމުގެ ފުރުސަތު އޮންނާނެއެވެ.
ނަމަވެސް މި ބަދަލާ ގުޅިގެން ތައިލެންޑަށް ދަތުރުކުރާ ދިވެހިންވެސް އެރައިވަލް ކާޑު ފުރިހަމަކުރުމަށް ޚާރިޖީ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ރާއްޖެއިން ބޭރު ޤައުމުތަކަށް ދަތުރުކުރައްވާ ފަރާތްތަކުން އެ ޤައުމެއްގެ ޤާނޫނާއި ޤަވާއިދުތަކަށް ފަރުވާތެރިވުމަށްވެސް އެ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

