މަސްތުވާތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުގައި ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ރޭ 6:52 އެހައިކަންހާއިރު ހުޅުމާލޭގެ ހުވަނދުމާ ހިނގުމުން ސައިކަލެއްގައި ދަނިކޮށް ހުއްޓުވަމަށް ފަހުއެވެ.
ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ހމ. ފްލެޓް ނަންބަރު 04-ޖީ-10 މާލެ، އުމުރުން 48 އަހަރުގެ ޢަލީ ޢަބްދުﷲ އާއި އުނިމާގެ ދ. ކުޑަހުވަދޫ، އުމުރުން 28 އަހަރުގެ އަމާނަތު ޖަލީލްއެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
އެމީހުން ހައްޔަރުކޮށް، މި ދެ މީހުންނާއި އެމީހުން ދިރިއުޅޭ އެޕާޓްމަންޓު ބަލައި ފާސްކުރި އިރު ފެނުނު ތަކެތީގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 8 ޕެކެޓާއި މަނާ ބޭސް ކަމަށް ޝައްކުކުރެވޭ 23 ގުޅަ ހިމެނެއެވެ.
މީގެ އިތުރުން، ދެ މީހުންގެ އަތުންނާއި އެޕާޓްމަންޓުން ޖުމްލަ 40,515 ދިވެހި ރުފިޔާ އާއި 136 އެމެރިކާ ޑޮލަރު ވަނީ ފެނިފައެވެ. މި ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތުހުމަތު ކުރެވޭތީ، އެ ފައިސާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

