ރާއްޖޭގައި ދިރިއުޅޭ 150،000 ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކް މަޢުލޫމާތު ނެގި، ޑޭޓާބޭސް އަދާހަމަކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ،
މިއަދު "އެކްސް" މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ، މިއީ ސަރުކާރަށް ލިބުނު ކާމިޔާބީގެ އާބޮޅެއް ކަމަށެވެ. މިގޮތުން ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާނާއި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނެގި، ޑޭޓާބޭސް އަދާހަމަކުރެވިފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަމުންދާއިރު، ރާއްޖޭގެ މަސައްކަތްތެރިންގެ އާބާދީގެ ބޮޑު ބައެއް ހިއްސާކުރާ ބިދޭސީ މަސައްކަތްތެރިންގެ ހާލަތާމެދު ވިސްނާލަން ޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ. "ޤަވާއިދާ ހިލާފަށް އުޅެމުން މަސައްކަތްކުރުވުމުގެ ނަތީޖާއެއްގެ ގޮތުން އެމީހުންގެ އަސާސީ އިންސާނީ ހައްގުތައް ވެސް ވަނީ ނިގުޅައިގަނެވިފައި" ކަމަށް ރައީސް ވިދާޅުވިއެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަކީ މި ސަރުކާރުގެ އަމާޒެއްކަން ފާހަގަކުރައްވަމުން، މިކަމަށް އެޅޭ އެންމެ ފުރަތަމަ އަދި މުހިންމު ފިޔަވަޅަކީ ހުރިހާ ބިދޭސީ މަސައްކަތްތެރިންނަކީ ވެސް ކާކުކަން ބަޔޯމެޓްރިކަލީ ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުން ކަމުގައި ރައީސް ވިދާޅުވިއެވެ.
މި މަސައްކަތް ކުރިއަށްދަނީ "އޮޕަރޭޝަން ކުރަނގި" ގެ ދަށުންނެވެ. މިދިޔަ އަހަރުގެ މެއި 2 ވަނަ ދުވަހު ފެށުނު މި އޮޕަރޭޝަންގެ މަޤްޞަދަކީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގަރ ޕްރިންޓާއި ފޮޓޯ އަދި މަޢުލޫމާތު އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކުރުމެވެ.

