ފަޚްރުވެރިވާ ފަދަ ޤައުމެއް ބިނާކުރެވޭނީ މަސައްކަތްތެރިންގެ ހިވާގިކަމާއި ވަފާތެރިކަމާއި އެކު ކުރައްވާ ބުރަ މަސައްކަތުން ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެންވިދާޅުވީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބާގައި ދެއްވި މެސެޖެއްގައެވެ.
ދަނޑުވެރިކަމާއި، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ޞިއްޙީ ދާއިރާގައި، ތަޢުލީމީ ދާއިރާގައި ނުވަތަ އެހެނިހެން ކޮންމެ ދާއިރާއެއްގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް މިއަދަކީ ޚާއްޞަ ދުވަހެއް.
ކޮންމެ އަހަރެއްގައިވެސް މެއި މަހުގެ 1 ވަނަ ދުވަހަކީ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ކަނޑައަޅުއްވައި، އެދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ހަމަޖެއްސަވައިފައެވެ.
ވަޒީރު ވިދާޅުވީ މިއަދަކީ މަސައްކަތްތެރިންނަށް ޚާއްސަ ދުވަހެއްކަމުން މިއަދު ހުރިހާ މަސައްކަތްތެރިންނަވެސް އަރާމްކުރައްވާނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ. އަދި އެއީ ކޮންމެހެން މިއަދު އެބޭފުޅުންނަށް ލިބިގެންވާ ޙައްޤެއްކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އަދި އަހަރެމެންގެ އިޤްތިޞާދު ނަގާ ކޮޅަށް ޖަހައި ދެމެހެއްޓޭނީ މަސައްކަތްތެރިންގެ ބުރަ މަސައްކަތުންކަމުގައިވެސް ވަނީ ވިދާޅުވެފައެވެ.

