ލާމަރުކަޒީ ނިޒާމުގައި، ކައުންސިލްތަކަކީ ވެސް އަދި ޑަބްލިޔު.ޑީ.ސީ ތަކަކަކީ ވެސް އޭގެ ޒާތުގައި ސަރުކާރުގެ ފަށަލައެއް ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މި މިފަދައިން ވިަދާޅުވީ އިއްޔެ ނިމުނު “އަންހެންވެރިންގެ ސައްލާ” ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އަދި ވަޢުދުތައް ފުއްދުމުގައި އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމުން ކަމަށެެވެ.
“ހުރިހާ ކައުންސިލްތަކާއި، ހުރިހާ ޑަބްލިޔު.ޑީ.ސީތަކުން ވެސް މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އަދި ވަޢުދުތައް ފުއްދުމުގައި އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމަށް އިލްތިމާސްކުރަން” މިނިސްޓަރ ވިދާޅުވިއެވެ.
މި މަހުގެ 29 އިން 30އަށް އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދިޔަ “އަންހެންވެރިންގެ ސައްލާ” އަކީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން އިންތިޒާމުކޮށްގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ޚާއްޞަކޮށްގެން ބޭއްވި މި ފަދަ ފުރަތަމަ މަސައްކަތު ބައްދަލުވުމެވެ.
މި ބައްދަލުވުމުގައި ކ، އއ، އދ، ވ އަދި މ އަތޮޅުގެ އތމ ކޮމިޓީގެ މެންބަރުންގެ ތެރެއިން 59 މެންބަރަކު ބައިވެރިވެލެއްވިއެވެ.

