މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދުން ފެށިގެން ޚާއްޞަ ލޯނު ދޫކުރަން ފަށައިފިއެވެ. މިއީ މަސްވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެޅުނު އެންމެ ފާހަގަކޮށްލެވޭ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ.
މި ޕްރޮގްރާމްގެ ދަށުން ޝަރުތު ހަމަވާ މަސްވެރިންނަށް 300،000 ރުފިޔާއާ ހަމައަށް ރަހުނަކާއި އިކުއިޓީއެއް ނުލައި ޕަރސަނަލް ފައިނޭންސިންގް ނެގުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. އަދި މީގެ އިތުރުން، ގެދޮރު ގަތުމާއި، މަރާމާތުކުރުމާއި، އިމާރާތްކުރުމަށް ބޭނުންވާ ލޯނުތައްވެސް މި ސްކީމްގެ ދަށުން ލިބޭނެއެވެ.
ބީއެމްއެލްގެ ފަރާތުން ހާމަކުރި ގޮތުގައި، މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށް، މަސްވެރިންގެ އާމްދަނީއަށް ބަލައި އަނބުރާ ފައިސާ ދެއްކުމަށް ޚާއްޞަ ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދޭނެއެވެ. މި ލޯނުތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ބީއެމްއެލްގެ އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ ޚިދުމަތް މެދުވެރިކޮށް ކޮންމެ ތަނަކުން ވެސް ލިބިގެންދާނެއެވެ.
މި އައު ލޯނު ޕްރޮގްރާމަކީ ބޭންކް އޮފް މޯލްޑިވްސް އާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާ ދެމެދު މި މަހުގެ 28 ވަނަ ދުވަހު ވެވުނު އެއްބަސްވުމެއްގެ ދަށުން ތަޢާރަފުކުރެވުނު ޕްރޮގްރާމެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ރިޔާސީ ވަޢުދެއް ކަމަށްވާ މަސްވެރިކަމަކީ ވަޒީފާއެއްގެ ގޮތުގައި ބަލައިގަނެ، މާލީ އިދާރާތަކުން ލޯނު ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ ވަޢުދު ފުއްދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

