ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާގާނދީ މެމޯރިއަލް، އައިޖީއެމްއެޗްގެ ނިއުބޯން އިންޓެންސިވް ކެއަރ ޔުނިޓް (އެންއައިސީޔޫ)އިން ނުރައްކާތެރި ބެކްޓީރިއާއެއް ފެނިފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ހާމަކޮށްފިއެވެ.
އައިޖީއެމްއެޗުން މައުލޫމާތު ދީފައިވާ ގޮތުގައި، އެންއައިސީޔޫގައި ފަރުވާ ހޯދަމުންދާ ކުދިންތަކެއްގެ ގައިން މަލްޓި ޑްރަގް ރެސިސްޓެންޓް އޯގަނިޒަމްސް (އެމްޑީއާރުއޯ) ކިޔާ ނުރައްކާތެރި ބެކްޓީރިއާއެއް ފެނިފައިވެއެވެ. މިބެކްޓީރިއާއަކީ ގިނަ އަދަދެއްގެ ބޭސްތަކަށް ނުގުޑާފަދަ ބެކްޓީރިއާއެކެވެ.
މި ބެކްޓީރިއާ ފެނުމާ ގުޅިގެން، އިތުރަށް ފެތުރުން ހުއްޓުވުމަށް މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި، ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅައި، މިހާރު އެ ހާލަތު ކޮންޓްރޯލްކުރެވިފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ.
"މި ކަން ފާހަގަވުމާއެކު، ވަގުތުން މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާނެ. ކުދިންގެ ރައްކާތެރިކަމަށާއި ބެކްޓީރިއާ އިތުރަށް ފެތުރުން ހުއްޓުވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް މިހާރު ވާނީ އަޅާފަ،" އައިޖީއެމްއެޗްގެ ޕޯސްޓުގައި ބުނެފައިވެއެވެ.
އައިޖީއެމްއެޗުން އިތުރަށް ބުނެފައިވަނީ މި ހާދިސާއާ ގުޅިގެން އެއްވެސް ކުއްޖަކަށް ނުވަތަ ސިއްހީ އެހީތެރިއަކަށް ނުރައްކާތެރި ހާލަތެއް ދިމާވެފައި ނުވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުންދާ ކަމުގެ ޔަގީންކަން ދީފައިވެއެވެ.
"މި ކަމާ ގުޅޭ މަޢުލޫމާތުތައް ކުރިއަށް އޮތް ތަނުގައި ހާމަކުރަމުން ގެންދާނަން،" އައިޖީއެމްއެޗް
އައިޖީއެމްއެޗުން ވަނީ މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތުތައް ޢާންމުންނާ ހިއްސާކުރަމުން ގެންދާނެ ކަމަށްވެސް ބުނެފައެވެ.

