ތ. އަތޮޅުގައި ދަތުރުކުރަމުންދިޔަ “ހޮޅުދޫ ބޯޓު” ގައި މިދިޔަ މަހުގެ 2 ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުނު އަލީ މުޝްފިޤު ޝަރީފު ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ހާމަކޮށްފިއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ މުޝްފިޤު ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކަމަށާއި، ބަލަންޖެހޭ އެކި ސަރަހައްދުތައް ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މުޝްފިޤު ގެއްލުނު ފަހުން މިހާތަނަށް އޭނާގެ އެއްވެސް ހޯދުމެއް ލިބިފައި ނުވާއިރު، އޭނާގެ އުފަން ރަށް ލ. މާވަށު ކައުންސިލުން ވަނީ އޭނާ ނިޔާވެއްޖެ ކަމަށް ނިންމައި، ޣައިބު ކަށުނަމާދު ކުރުމަށް ނިންމާފައެވެ.
ނަމަވެސް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވަނީ “ގެއްލިފައިވާ މީހެއްގެ މައްޗަށް ކަށުނަމާދު ކުރެވޭނީ، އެ މީހަކު ގެއްލިފައިވާކަމަށް ޝަރީއަތުން ކަނޑައެޅުމުން” ކަމަށެވެ. އަދި ބައެއް އިލްމުވެރިންގެ ރައުޔަކީ ގެއްލިފައިވާ މީހާއާ މެދު ޙުކުމެއް ކަނޑައެޅޭނީ ގެއްލުނުތާ ހަތަރު އަހަރު ފަހުން ކަމަށް ވިދާޅުވިއެވެ.
މި މައްސަލައިގައި މުޝްފިޤްގެ ބައްޕަ މުހައްމަދު ޝަރީފު ވިދާޅުވެފައިވަނީ، މައްސަލަ ކޯޓަށް ހުށަހެޅުމުން، އެމްއެންޑީއެފުން ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކަމަށް އަންގާފައިވާތީ، މިވަގުތު ހުކުމް ނުއިއްވޭނެ ކަމަށް ގާޒީ ވިދާޅުވެފައިވާ ކަމަށެވެ.
އިތުރު މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މުޝްފިޤު ގެއްލިފައިވަނީ މާލެއަށް ދަތުރުކުރަމުންދިޔަ “ހޮޅުދޫ ބޯޓު” ގައި ހިނގި އަލިފާނުގެ ހާދިސާގައެވެ. މި ހާދިސާގައި ބޯޓު އަޑިއަށް ގޮސްފައިވާއިރު، ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން ނުފެންނަނީ ހަމައެކަނި މުޝްފިޤެވެ.

