ކުރިއަށް އޮތް އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ގޭމްސްގައި ވޮލީބޯޅައިން މެޑަލެއް ހޯދުމަކީ އެސޯސިއޭޝަންގެ އަމާޒު ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ލަތީފް ވިދާޅުވީ، ރާއްޖޭގައި ވޮލީބޯޅަ ހަލުވި ދުވެލީގައި ކުރިއަރަމުން އަންނަ ކަމަށެވެ. އަދި ނިމިދިޔަ ވީއޭއެމް ލީގުގައި ރާއްޖޭގެ ކުޅުންތެރިން ދައްކާފައިވަނީ މޮޅު ކުޅުމެއް ކަމަށް ފާހަގަކުރެއްވިއެވެ.
"ފާހަގަކޮށްލަން ބޭނުންވަނީ އަޅުގަނޑުމެންގެ ލީގުގައި ބްރެޒިލް ކުޅުންތެރިންނާއި، ޔޫރަޕުގެ ކުޅުންތެރިން އަދި ތައިލޭންޑު ކުޅުންތެރިން ފެނުނު. އެހެންވީމަ ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ގައުމުތަކުގެ ކުޅުންތެރިން ކުޅެފަވޭ،" ލަތީފް ވިދާޅުވިއެވެ.
ވޮލީ ސީޒަނާއެކު ކުރިއަށްދާ މުބާރާތްތަކުގެ މައިގަނޑު އަމާޒަކީ ބައިނަލްއަޤްވާމީ މުބާރާތްތަކަށް ދިވެހި ކުޅުންތެރިން ތައްޔާރުކުރުން ކަމަށް ލަތީފް ވިދާޅުވިއެވެ. މިގޮތުން ބޭރުގެ ވަރުގަދަ ކުޅުންތެރިންނާ އެކު ވާދަކުރުމުގެ ފުރުސަތު ލިބުމަކީ ދިވެހި ކުޅުންތެރިންގެ ކުޅުމުގެ ފެންވަރު މަތިވެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުވެގެންދާނެ ކަމެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވޮލީބޯޅަ ތަރައްގީކޮށް، މި ކުޅިވަރުން ކާމިޔާބީތަކެއް ހޯދުމަށް ވީއޭއެމްއިން ހިފާފައިވާ އަމާޒުގައި މިހާރު މިސްރާބު ޖަހާފައިވަނީ ވާދަވެރި ލަންކާ ބަލިކޮށް ސާފް ގޭމްސް މެޑަލް ހޯދުމަށް ކަމަށް ލަތީފް ވިދާޅުވެފައިވެއެވެ. އަދި ވޮލީއިން މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ އަސްލަކީ މިފަދަ މުބާރާތްތަކުން ގައުމަށް ރީތި ނަން ހޯދައިދީ ވޮލީ އައު އުސްމިންތަކަކަށް ގެންދިއުން ކަމަށްވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

