ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ކެނެޑާގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ މާކް ޖޯސެފް ކަރނީއަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. މި ތަހުނިޔާގެ މެސެޖު ފޮނުއްވާފައިވަނީ ކެނެޑާގެ އާންމު އިންތިޚާބުގައި ބޮޑުވަޒީރު ހޯއްދެވި ކާމިޔާބީއާ ގުޅިގެންނެވެ.
ރައީސް މުޢިއްޒު ފޮނުއްވި މެސެޖުގައި، މި އިންތިޚާބުގައި ބޮޑުވަޒީރު ހޯއްދެވި ކާމިޔާބީއަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ ވިދާޅުވެފައިވެއެވެ. އަދި ބޮޑުވަޒީރު ކަރނީ އާއި އެމަނިކުފާނުގެ ޕާޓީއަށް ލިބިވަޑައިގެންނެވި ކާމިޔާބީއަކީ ކެނެޑާ ރައްޔިތުން، އެމަނިކުފާނުގެ ޒަޢާމަތަށް ކުރައްވާ އިތުބާރުގެ ހެއްކެއް ކަމުގައި ފާހަގަކުރައްވާފައިވެއެވެ.
ރައީސް މުޢިއްޒުގެ މެސެޖުގައި، ބޮޑުވަޒީރުގެ ޒަޢާމަތުގައި ކެނެޑާގައި ހަމަޖެހުމާއި ފާގަތިކަން ދެމި އޮންނާނެކަމުގެ ޔަޤީންކަން ފާޅުކުރައްވާފައިވެއެވެ. މީގެއިތުރުން، ކެނެޑާގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ މާކް ޖޯސެފް ކަރނީގެ ޒަޢާމަތުގައި މިނިވަންކަމާއި ޑިމޮކްރެޓިކް ހަމަތައް ނެގެހެއްޓޭނެކަމުގެ ޔަޤީންކަން އޮތްކަމަށްވެސް ވިދާޅުވެފައިވެއެވެ
ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ، ކެނެޑާގެ ބޮޑުވަޒީރަށް ކާމިޔާބީއާއި، ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެންނެވުމާއެކު، ކެނެޑާގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް އެދިވަޑައިގެންނެވުމުންނެވެ.

