އިންސާނީ ފިޠުރަތުގައި އެކުލެވިގެންވާ އެންމެ އަޖައިބު އެއް ކަމަކީ އަންހެނުން ނުރަނގަޅު ސިފަތަކުގެ ފިރިހެނުންނަށް ޝައުޤުވެރިވުމެވެ. މިއީ ޒަމާނުއްސުރެ ފެންނަމުން އަންނަ ކަމެކެވެ. ޚާއްޞަކޮށް ޅަފުރައިގެ އަންހެން ކުދިންގެ މެދުގައި މި މައްސަލަ ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ. ޒަމާނުއްސުރެ ފެންނަ ހަގީގަތަކީ އާވާރާ ފިރިހެނުންނަށް އަންހެންކުދިންގެ ހިތް ކިޔާ ކަމެވެ. މަގުމަތިން ދިމާވާ ފިރިހެނުންނަށް ޝައުގުވެރިވާ ކަމެވެ. އަދި ކައިވެނި ކުރަނީވެސް ގިނަފަހަރު އަމިއްލައަށް ފެނިގެން އެފަދަ ޒުވާނުންނާއެވެ. ލޯބިވެގެންނެވެ. އަދި ގިނަ ކައިވެނިތައް ބަރުބާދުވެ ނިމިގެން ދާތަން ފެންނަނީ ވަރަށް އަވަހަށެވެ. އަދި ދެން ތުއްތު ކުދިންނާއެކު އެކަނިވެފައި ހުންނަނީވެސް އެއްކަލަ އަންހެންމީހާއެވެ.
ޒަމާން ބަަދަލުވެ ހޭލުންތެރިވުމާއެކުވެސް މިއަދުވެސް އެއްކަލަ ގޮޅިޖެހި ގަމީހުގައި ޖީއެން ސައިކަލުގައި އުޅޭ ޒުވާނުންނަށް ހިތް ކިޔާ އަންހެންކުދިން ގިނައެވެ.
އަންހެނުންގެ ބުނުމާއި ޢަމަލު ތަފާތުވުން؛ ގިނަ އަންހެން ކުދިން ބުނާ ގޮތުގައި އެމީހުން ބޭނުންވަނީ ހިތްހެޔޮ، އިންޓެލިޖެންޓް، ވަފާތެރި އަދި އަޅާލާ ފިރިހެނުންނެވެ. ނަމަވެސް ޙަޤީޤަތުގައި އެމީހުންގެ ޢަމަލުތައް ހުންނަނީ މުޅިން އެހެން ގޮތަކަށެވެ. ގިނަ ފަހަރަށް އެމީހުން އިޚްތިޔާރުކުރަނީ “ބޭޑް ގަޓް” ސިފަތަކުގެ ފިރިހެނުންނެވެ. ބަސްއަހައިގެން ހިމޭނުން ނުވަތަ މަޑުމަޑުން އުޅޭ އަދަބުވެރި، ނުވަތަ ލަދުރަކި ފިރިހެނުންނަށް ގިނަ އަންހެންކުދިން މަލާމާތް ކުރެއެވެ. ސަބަބަކީ އަންހެންކުދިންނަށް ކަމުދަނީ އަދި ގަޔާވެވެނީ އަބަދުވެސް މަޖާވެފައި، އުފާވެރިކޮށް އުޅޭ އަދި ޚުޝާމަދުކޮށް އުޅޭ ފިރިހެނުންނެވެ. ގޭތެރޭގައި އުޅޭ ފިރިހެންކުދިންނަކީ އަންހެންކުދިންގެ ނަޒަރުގައި “ފިރިހެންވަންތަ” ބައެއް ނޫނެވެ.
ފިޠުރަތީ ސިފަތަކުގެ ނުފޫޒު؛ އަންހެނުންނަކީ ޖަޒުބާތުގައި ފަސޭހައިން ޖެހޭ، އިޙްސާސްތަކަށް އަވަހަށް ލެނބޭ ބައެކެވެ. މި ސަބަބަށްޓަކައި، އެމީހުންނަށް ރަނގަޅު ނުބައި ވަކިކުރުމުގައި ދަތިތަކާ ކުރިމަތިވެއެވެ. އަދި ހަމައެހެންމެ، އަންހެނުންނަކީ އުފެދުމުގައި ބަލިކަށިކަން ލިބިފައިވާތީ، ހިމާޔަތަށް އެދޭ ބައެކެވެ.
އިބްރަތް ހާސިލު ނުކުރެވުން؛ އެންމެ ހިތާމަވެރި ކަމަކީ ކިތަންމެ ލަނޑެއް ލިބުނަސް، އެއިން އިބްރަތެއް ހާސިލުނުކުރެވުމެވެ. ގިނަ އަންހެނުންނަކީ ފިރިހެނެއްގެ ފަރާތުން ކިތަންމެ ވޭނެއް އަދި ކެހިވެރިކަމެއް އަދި އަނިޔާއެއް ލިބުނަސް، އެފަދަ ސިފަތަކުޔގެ މީހުންނަށް އަލުން ހިތްބަނޑުންކޮށްލަނީ ހަމަ ވަރަށް ފަސޭހައިންނެވެ.
މައްސަލަތަކާ ކުރިމަތިލުމުގެ ގޮތް؛ އަންހެނުންގެ އަޒުމް ވަރުގަދަކަން ފާހަގަކުރެވެއެވެ. ނަމަވެސް މި އަޒުމް ބޭނުންކުރަނީ ގިނަފަހަރު ރަނގަޅު ގޮތުގައެއް ނޫނެވެ. މައްސަލައެއް ދިމާވުމުން، އެކަމުން ދުރުވުމުގެ ބަދަލުގައި އެ މައްސަލައިގެ ތެރެއަށް އިތުރަށް ވަދެގަނެއެވެ.
ސައިކޮލޮޖިކަލް ބައުންޑަރީ؛ ތަޖުރިބާކާރުން ބުނާގޮތުގައި އަންހެނުން “ނުރަނގަޅު އާވާރާ ވައްތަރުގެ ފިރިހެނުންނަށް” ޝައުޤުވެރިވުމަކީ ސައިންސާ ގުޅިފައިވާ ކަމެކެވެ. މިއީ އެމީހުންގެ ނަފްސާނީ އަދި ޖިސްމާނީ އުފެދުމާ ގުޅިފައިވާ ކަމެކެވެ.
މި މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި، އަންހެނުން އެމީހުންގެ އަމިއްލަ ނަފްސަށް އިތުރު އަގުދޭން ދަސްކުރަންޖެހެއެވެ. އަދި ހަމައެހެންމެ، ހެވާއި ނުބައި ވަކިކޮށް، އެމީހުންގެ ހަޔާތަށް ރަނގަޅު ނިންމުންތައް ނިންމަން ދަސްކުރަންޖެހެއެވެ. މިކަމުގައި މުޖުތަމަޢުގެ އެހީތެރިކަމާއި ހޭލުންތެރިކަން އިތުރުކުރުމަކީވެސް މުހިންމު ކަމެކެވެ.

