ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުގެ އަރިހަށް، މެރކް ފައުންޑޭޝަންގެ އިސްބޭފުޅުން ޒިޔާރަތްކުރައްވައިފިއެވެ. މި ބައްދަލުވުން ކުރިއަށްގެންދަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު މުލީއާގޭގައެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެރކް ފައުންޑޭޝަންގެ ބޯޑް އޮފް ޓްރަސްޓީސްގެ ޗެއަރމަން އަދި އީ.މެރކް ކޭ.ޖީ ގެ އެގްޒެކެޓިވް ބޯޑުގެ ޗެއަރމަން ޕްރޮފެސަރ ޑޮކްޓަރ ފްރޭންކް ސްޓަންގެންބަރގް ހަވަރކެމްޕް އާއި މެރކް ފައުންޑޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސެނެޓަރ ޑޮކްޓަރ ރަޝާ ކެލެޖް ވަނީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ އިތުރަށް ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ޚާއްޞަ ސަމާލުކަމެއް ދެވިފައިވަނީ ޑޮކްޓަރުންނަށް ޚާއްޞަ ދާއިރާތަކުން ތަމްރީނު ދިނުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، ސްކޮލަރޝިޕްގެ ފުރުޞަތުތަކަށެވެ. މެޑަމް ސާޖިދާ ވަނީ ރާއްޖޭގެ ސިއްޙީ ދާއިރާގެ މަޢުލޫމާތު ހިއްސާކުރައްވައި، ސަރުކާރުން ޞިއްޙީ ނިޒާމު ހަރުދަނާކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.
މެރކް ފައުންޑޭޝަންގެ މަންދޫބުން ވަނީ ރާއްޖޭގެ ޞިއްޙީ ދާއިރާގެ ޤާބިލުކަން އިތުރުކޮށް، ދަރިމައިވުމާ ގުޅުންހުރި ކުށްހީތައް ނައްތާލައި އަންހެނުން ބާރުވެރިކުރުމަށް މެޑަމް ސާޖިދާ ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަންކުރައްވާފައެވެ. އަދި އެކަމަނާއަކީ މެރކް ފައުންޑޭޝަންގެ “މޯ ދެން އަ މަދަރ” ޕްރޮގްރާމުގެ އެންބެސެޑަރެއްކަންވެސް ފާހަގަކުރެއްވިއެވެ.
މެރކް ފައުންޑޭޝަންގެ “މޯ ދެން އަ މަދަރ” ޕްރޮގްރާމަކީ އެފްރިކާ އަދި އޭޝިޔާގެ ފަރސްޓް ލޭޑީންނާއި އަންހެން އިސްވެރިންނާއެކު ދަރިމައިވުމުގެ ޞިއްޙަތާ ގުޅުންހުރި ސިޔާސަތުތައް އެކުލަވާލުމާއި، ފަރުވާގެ ޤާބިލުކަން އިތުރުކުރުމާއި، ދަރިމައިވުމާ ގުޅުންހުރި ކުށްހީތައް ނައްތާލުމަށް މަސައްކަތްކުރާ ޕްރޮގްރާމެކެވެ.

